ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގައި ހިންގި ބަނގުރަލާއި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން، ޖުލައި 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރި އިރު 70 ފުޅި ބަނގުރާ ފެނިފައިވާއިރު، ތިން ފިިރިހެނުން ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެއް ކަމަށެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ މި މީހުންނަށް ހަތްދުވަހަށް ބަނދުގެ މުއްދަތު ޖަހާފައެވެ.

މީގެއިތުރުން މިމަހު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު، ހަތް ސެލޯފިންކޮޅު، ފިލްމު ހުސްކުރި ދަޅެއް، ޖުސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެެވެ.

އަދި މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. 23 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ.

މި ދެ މައްސަލަވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.