މިއަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދާނެކަމުގެ ޔަގީންކަން އެމްއާރްއެމް އިން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ މިހާރު ވެރިކަން ކުރާ ހުރިހާ ޕާޓީތަކަކާއި އެމްޑީއޭއަށް ފޮނުވާފައެވެ. އޭގެތެރެއިންވެސް އެމްޑީޕީއާ ކޯލިޝަން ހެދުމަށް އެއްބަސްވެފައިވަނީ ހަމައެކަނި އެމްޑީއޭއާއި އަދާލަތު ޕާޓީއެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސާލިހު ދެއްވި ދައުވަތާ ގުޅޭ ގޮތުން އެމްއާރުއެމްއާއި އެމްޑީޕީގެ ލީޑާޝިޕުން މަޝްވަރާއެއް ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެމްއާރްއެމުން ނެރުން ނޫސްބަޔާނެއްގައި ބުނީ، އެމްޑީޕީގެ ލީޑާޝިޕާ އެކު މެއި އެއްވަނަ ދުވަހުގެ ރޭ އެމްއާރުއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ހުށަހެޅުންތައް އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅައި މަޝްވަރާކުރި ކަމަށެވެ.

ނަމަވެސް އެޕާޓީއިން ހާމަކުރިގޮޮތުގައި އެމްއާރްއެމްއިން އެއްބަސް ނުވެވޭފަދަ ސިޔާސަތުތަކެއް އެމްޑީޕީއިން ހުށަހަޅާފައި ވުމުން މިއަންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ނުކުރަން އެމްއާރްއެމްއިން ވަނީ ނިންމާފައެވެ. އެމްއާރުއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މި ނިންމުން ނިންމާފައިވަނީ މި އަހަރުގެ ދިހަވަނަ ބައްދަލުވުމުގައި ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.