މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

އެމްއާރުއެމް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ފާރިސް ވާދަކުރެއްވުމަށް މިއަދު ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އަދި ފާރިޝް ހުށަހެޅުއްވި ފޯމާ ހަވާލުވެފައިވަނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އާލިމްއެވެ.

އެމްއާރުއެމްއަކީ، ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން ހަމަ ނުކުރެވިގެން، އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީއެކެވެ. އެހެންނަަމަވެސް އެޕާޓީން ކޯޓަށް ދިއުމުން، ކޯޓުގެ ވަގުތީ އަމުރަކުން، އެޕާޓީ އުވާލުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

އެމްއާރްއެމްއިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައި، ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މީގެ 2 ދުވަސް ކުރިންނެވެ.