ރާއްޖޭގައި ހުޅުވި ފުރަތަމަ "ސްމާޓް ސްޓޯރ" ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ހުޅުވައިފިއެވެ. މިފިހާރައިގައި ކޭޝިއަރެއް، ސޭލްސްގާލް ފަދަ އެއްވެސް މީހަކު ނުހުންނާނެއެވެ. މިއަދު ހެނދުނު 10:00 އެއްހާއިރު، އެސްޓީއޯ ސްމާޓް ސްޓޯރ ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެސްޓީއޯ ސްމާޓް ފިހާރަ ހުންނާނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރީގައި އެސްޓީއޯ ހުޅުމާލެ ފިހާރަ ކުރިން ހިންގި ތަނުގައެވެ. މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދުގެ އިތުރުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެސްޓީއޯ ސްމާޓް ސްޓޯރުން ވިޔަފާރި ކުރުމަށް ބޭނުން ކުރާނީ ދުނިޔޭގެ ކުރިއަރާފައިވާ އެތައް ގިނަ ގައުމުތަކުން ބޭނުންކުރަމުން އަަންނަ "އޭއައި ވިޝަން ޓެކްނޮލޮޖީ" އެވެ.

ފޮޓޯ:ހަލިނޫސް

މިފަދަ ފިހާރަތައް އޭޝިއާ ސަރަހައްދުގައިވެސް ހުރީ މަދު ގައުމެއްގައި ކަން ފާހަގަކުރައްވަމުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ މި ފިހާރަ ހުޅުވުމުން ރާއްޖެވެސް އެ ގައުމުތަކާ އެއްހަމައެއްގައި ފައިހަމަކުރެވިއްޖެކަމަށެވެ. ހަމައެހެންމެ އެސްޓީއޯގެ މި ސްމާޓް ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މި އީޖާދީ ޓެކްނޮލޮޖީގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދިއުން ކަމަށްވެސް އެސްޓީއޯގެ އެމްޑީ ވިދާޅުވިއެވެ. އަދި މި ސްމާޓްފިހާރައިން ތަޖުރިބާ ކުރަމުންދާ ޓެކްނޮލޮޖީއަކީ ވިޔަފާރި ކުރައްވާ އެހެން ބޭފުޅުންނަށް އޭގެ ބޭނުން އެކި ގޮތް ގޮތަށް ބޭނުންކުރެވޭނެ ޓެކްނޮލޮޖީއެއް ކަމުގައި ދެކެލައްވާ ކަމަށާއި މިއީ ފެށުމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މި ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނީ މިކަމަށް ޚާއްސަ އެޕްލިކޭޝަނެއް އަޅައިގެންނެވެ. މިއެޕްލިކޭޝަން، އެޕް ސްޓޯރ އާއި ޕްލޭ ސްޓޯރއިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފިހާރައިގެ ބޭރު ބިއްލޫރި ގަނޑުގައިވެސް ވަނީ ވިޔަފާރި ކުރެވޭނެ ގޮތް ދިވެހި ބަހާއި އިނގިރޭސިބަހުން އާންމުންނަށް އެނގޭނެހެން ފެންނަ ގޮތަށް ލިޔެފައިވެއެވެ. މި ފިހާރައިން ވިޔަފާރި ކުރުމަށް ބޭނުންކުރާނީ ކާޑުތަކުގައި ހިމެނޭ "ޓޯކަނައިޒޭޝަން" ފީޗާއެވެ. މިއީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑު މެދުވެރިކޮށް ކުރެވޭ ރައްކާތެރި ފީޗާއެކެވެ.

އެންމެ ފުރަތަމަ އެޕަށް ވަދެ އެކައުންޓް ސެޓިން ހެދުމުން -/3 ރުފިޔާ ކެނޑޭނެއެވެ. މިއީ ދުނިޔޭގެ އެހެންގައުމުތަކުގެ މިފަދަ ވިޔަފާރިތަކުގައި ނަގާ އަގަށްވުރެ އެތައް ގުނައެއް ކުޑައަގެކެވެ. މިރުފިޔާކޮޅުވެސް އެސްޓީއޯއިން ހަމަޖައްސާފައިވަނީ އަނބުރާ ދޭގޮތަށެވެ. އެގޮތުން ފުރަތަމަ ކުރާ ވިޔަފާރިއާއިއެކު މި -/3 ރުފިޔާ އަނބުރާ ކަސްޓަމަރުންނަށް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.

ފިހާރައަށް ވަދެވޭނީ ފޯނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެންނެވެ. ކިއުއާރު ކޮންސެޕްޓް ބޭނުންކުރި ނަމަވެސް ފޭޝިއަލް ރިކޮގްނިޝަން (މޫނުގެ ސިފަ ސްކޭންކޮށްގެން ދެނެގަތުން) ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. ފޭޝިއަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ މީހުން ކިއުއާރު ސްކޭންކުރާކަށް ނުޖެހޭނެއެވެ. ފިހާރައަށް ވަނުމާއެކު ފިހާރައަށް އެއީ ރެޖިސްޓާޑް ކަސްޓަމަރެއްކަން އެނގޭނެއެވެ.

މިއީ އިންތިހާއަށް ފަސޭހަކޮށް ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ފިހާރައެކެވެ. ފިހާރައަށް ވަދެ ބޭނުންވާ ތަކެތި ނަގައިގެން ދާންވީއެވެ. އަގު ނެތިގެން އަގުއަހާކަށް ނުޖެހޭނެއެވެ. ގަންނަން އައި ތަކެތި ނަގައިގެން ގޮސް ކައުންޓަރދޮށަށް ހުއްޓޭކަށް ނުވަތަ ކިއުލައިނަށް އަރާކަށް ނުޖެހޭނެއެވެ. ނެގި މުދަލަށް އެރި އަދަދު އަހައި އެފައިސާ ދޭން ނުވަތަ ޓްރާންސްފަރ ކުރަން ނޫނީ ކާޑު މެޝިން ބޭނުންކޮށްކާޑުން ފައިސާ ކަޑުވަން، މިއިން އެއްކަމެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ފިހާރައިގެން މުދަލަށް އެރި ފައިސާގެ އަދަދު އޮޓޮމެޓިކުން ކަސްޓަމަރުންގެ އެކައުންޓުން ކެނޑިގެންދާނެއެވެ.

އެއްވެސް ބެލެހެއްޓުންތެރިއަކު ނޫނީ ފާރަވެރިއަކާ ނުލައިވިޔަސް، މިއީ މާބޮޑަށްވެސް އަމާންރައްކާތެރިކަން އޮތް އިންތިހާއަށް ސެކިއުރިޓީ ގަދަފަދަ ސިސްޓަމެއްގެ ދަށުން ކުރިއަށްދާނެ ފިހާރައެކެވެ. ސަބަބަކީ މިފިހާރައިގެ ދޮރުންއެތެރެއަށް އަޅާ ފިޔަވަޅާއެކުގައި މީހާ އެހެރީ މޮނިޓަރިންގގައެވެ. ބަރާބަރަށް ހުރިހާ ހަަރަކާތެއް ދާނީ ސްކޭންވަމުން ރެކޯޑު ކުރެވެމުންނެވެ. އެންމެ ކުޑަމިނުން ފެންފުޅިއެއް ނުވަތަ އެހެންވެސް އެއްޗެއް ނަގައި ބޭނުންކޮށްފައި، (މިސާލަކަށް ފެންފުޅި ނަގައި ފެންކޯވަރެއް ބުއިމަށްފަހު ކުރިންވެސް ހުރިތަނުގައި ހުރިގޮތަށް) ބެހެއްޓކަމުގައިވިޔަސް އޭގެ އަގު ނެގޭނެއެވެ. ސަބަބަކީ އެއެއްޗެއްގެ އަސްލު ބަރުދަނަށް އަންނަ ބަދަލުވެސް މިފިހާރައިގެ ސިސްޓަމް ބަލަމުންދާނެތީއެވެ.