ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59ވަނަ މިނިވަންދުވަހުގެ މުނާޞަބަތުގައި މިއަދު ބޭއްވި، އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

މި ޙަރަކާތް ބާއްވާފައި ވަނީ މިއަދު ހަވީރު ޖުމްހޫރީމައިދާން ކުރިމަތީގައެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، މިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

މި ޙަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި، އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ. މި ޙަރަކާތް ނިންމާލާފައިވަނީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންއިންނެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.