https://www.facebook.com/Author21mamdhooh/videos/3454832858077915/

ޝިފުނާ ހުރީ ސިއްޙީ މަރުކަޒުގައެވެ. ސިއްޙީ މަރުކަޒަށް ތުއްތުސީދީ ހާލުދެރަވެގެން ގެނެވިއްޖެއެވެ. ސަލީމަށް މިޚަބަރު ލިބިގެން އެތަނަށް ގޮސް ޝިފުނާ އާއި ބައްދަލު ކުރިއެވެ.

"ސަލީމް، އަހަރެންނަށް ޝައްކުވީ ކަންތަށް ހަމަ އަސްލުގާ ވެސް އެއީ ހަޤީޤަތެއް ކަންނޭނގެ.....!" ޝިފުނާ ބުންޏެވެ. "އަހަރެން ކުރިން ވެސް ބުނީމެއްނުން ތުއްތުސީދީ އަކީ ފަންޑިތައިގެ ކަންކަން ކޮށް އުޅޭ މީހެކޭ؟"

"އާނ! އަހަރެން އެއްކަލަ ދުވަހު ހަވީރު ތުއްތުސީދީގެ ގެއަށް ދިޔައިން..." ސަލީމު ޖަވާބު ދިނެވެ. "އެކަމަކު އަހަރެން އުޅުނީ އެގެ ނުފެނިގެން...އެދުވަހު އަހަރެން ވަރަށް ހޯދިން އެގެ ފެނޭތޯ އެކަމަކު ނުފެނުނު...އަހަރެން އެދުވަހު ހަވީރު ހުރީ ވަރަށް ބިރުގަނެފަ... " މިވާހަކަ އަޑު އަހަން ހުރި ޝިފުނާ ކުޑަ އިރުކޮޅެއްގައި ކަމަކާ ވިސްނާލަން ހުރެފައި ބުންޏެވެ.

"އެމީހާއަކީ ފަންޑިތައިގެ މަސައްކަތް ކުރާ މީހަކަށް ވާތީ ތިވާނީ ތުއްތުސީދީ މިރަށުން ފައިބައިގެން ދިޔައިރު އޭނާގެ ގޯއްޗަށް ވެސް ކޮންމެ ވެސް ފަންޑިތައެއް ހަދާފަ ދިޔައީ ކަމަށް." ޝިފުނާއަށް ހީވާ އެއްޗެއް ބުނެލިއެވެ.

"އާނ! ވެދާނެ ތިހެން ކަމަށް ވެސް.." ސަލީމް ވާހަކަ ދެއްކިއެވެ.

"އަހަރެން އިހައްދުވަހު މެންދުރުފަހު ފިހާރަ ބަންދު ކޮއްފަ ގެއަށް ދާން ދަނިކޮށް މިރަށު މަރިޔަމްފުޅު ދައްތައާ ދިމާވެގެން ބުނިވިއްޔަ މި އުޅެނީ ތުއްތުސީދީގެ ދަރިފުޅު ގެއްލިގެންނޭ...."

"އަހަރެން އެހިން މަރިޔަމްފުޅު ގާތުގަ ކޮބާހޭ ތުއްތުސީދީ.. މަރިޔަމްފުޅު ބުނީ އޭނާ އަކަށް ތުއްތުސީދީ ފުރައިގެން ދިޔަ ރަށެއް ނޭނގެޔޯލަ ޔާސިރު އޭގެ ކުރީރޭ މަރިޔަމްފުޅުގެ ގޭގައި ހުރި ކޮޓަރިއެއްގަ ބަހައްޓާފަޔޯ ހުރީ."

"އެކަމަކު ހެނދުނު ވީއިރު އޭނާއެއް ވީތަނެއް ނޭނގޭ ކަމަށްވަނީ!"

ޝިފުނާ ވާހަކަ ދެއްކިއެވެ. "އެހެންތަ؟ ފަންޑިތަ ހަދާ މީހުންގެ ކަންތައްތައް ބުނާކަށް ނޭނގޭނެ ދޯ؟"

"އާނ! ކިހިނެއް އެނގޭނީ ތުއްތުސީދީ ފަންޑިތަ ހަދާފަ ނޫންކަމެއް ވެސް ނޭގެ ތިފުރައިގެން ދިޔައީ،" ސަލީމް ބުންޏެވެ.

"އާނ.......! އެކަހަލަ މީހުން ކަންތައްތައް ކުރާ ގޮތް އަބަދު ވެސް އޮންނާނީ ސިއްރުވެފަ." ޝިފުނާ ވާހަކަ ދެއްކިއެވެ.

"ކޮބާތަ ތުއްތުސީދީ މިހާރު؟" ސަލީމު ހުރެލާފައި ބުނެލިއެވެ.

"އެހެރަ ބަލިމީހުން ބާއްވާ ކޮޓަރީގަ އެބައޮތް...އެމީހާ އޮތީ ފާޑެއްގެ އެއްޗެއްގައި އޮޅުލައިގެން ގަޔާލާބައްދއިގެން." ޝިފުނާ ޖަވާބު ދިނެވެ.

"އެހެންތަ ކޮން އެއްޗެއްގަތަ؟" ސަލީމް ވާހަކަ ދެއްކިއެވެ.

"ނޭނގެ ފޮތެއްފާޑު އެއްޗެއްގަ... ހީވަނީ ތުއްތުސީދީ ވަރަށް ބޭނުންވާ އެއްޗެއްހެން....... ހަމަހިލާ އެފޮތަކުން އެނާ ދޫކޮށެއް ނުލި... އެ އެއްޗަކުން ވަރަށް ނުބައި ވަހެއް ވެސް ދުވާ..!" ޝިފުނާ ޖަވާބު ދިނެވެ.

"އެހެންތަ އަހަރެން ހިތަށް އަރަނީ ތީ އަނެއްކާ ކޮން ފޮތެއްބާވައޭ؟" ސަލީމް ވާހަކަ ދެއްކިއެވެ.

"ސިއްހީ މަރުކަޒުން އިރުކޮޅަކުން ތުއްތުސީދި ދޫކޮއްލާނެ.. އެގޮތަށް ޑަކްޓަރު ބުނުއްވި... ތުއްތުސީދީ މިހާރު އެއޮތީ އެހެރަ ކޮޓަރީގައި ބާއްވާފަ..." ޝިފުނާ ވާހަކަ ދެއްކިއެވެ.

"އަހަރެން މިހިތަށް އަރަނީ ރަށު ކަތީބު ގާތުގަ އަހަރުމެނަށް މި ޝައްކުވާ ކަމުގެ ވާހަކަ ބުނަން.." ސަލީމް ބުންޏެވެ. "އަދި ތުއްތުސީދީ ގެއަށް އެންމެން ވެގެންދިޔުން. ފޮރުވިވިފައި ހުރީ ކޮން އެއްޗެއްތޯ ބަލަން.! އަހަރެންގެ އަންހެނުން ޝަރީފާގެ މަރާ މެދު އަހަރެންނަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ!" ސަލީމް މިހެން ބުނުމުން ޝިފުނާ ވެސް މިކަމާ އެއްބަސް ވިއެވެ.

މީގެ ކުރީގައި ޝިފުނާ އާއި ސަލީމް ވަނީ ވެސް ތުއްތުސީދީގެ ކަންތައްތައް ހުރި ގޮތުންނާއި އޭނާ ދިން ބަނބުކޭލެއްގެ ސަބަބުން އެއީ ބޮޑު ޒަހަރެއް ކަމަށް ޝައްކުވެގެން ތުއްތުސީދީ އަށް ފާރަލައި ހަގީގަތް ހޯދަން ވެސް ނިންމާފައެވެ. މިހާރު ތުއްތުސީދީ އޮތީ ޑަކްޓަރުގެ ލަފާގެ މަތިން ނިދާ އިންޖެކްޝަނެއް ޖަހާފައި ގަދަ ނިދީގައެވެ. ސަލީމް ސިއްހީ މަރުކަޒުގައި ގަޑި އެއްހާއިރު ވަންދެން ޝިފުނާއާއި ވާހަކަ ދައްކަން ހުރެފައި ދިޔައީ ރަށު ކަތީބާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށެވެ. ރަށު ކަތީބާއި ވާހަކަ ދައްކާފައި ސަލީމް އަށް އޭނާގެ އަނބިމީހާ ޝަރީފާގެ މަރާއި ދޭތެރޭ ބޮޑެތި ޝައްކު ތަކެއްވާކަމަށް ބުންޏެވެ. ކަތީބާއި ރަށުގެ ބައެއް މީހުން ވެގެން ދިޔައީ ސީދާ ތުއްތުސީދީގެ ގެއަށެވެ. އެ ގެހުންނަނީ ވެސް ވާބޯކޮށް ހުންނަ މީހުން ނޫޅޭ ދުރު ހިސާބު ގަނޑެއްގައެވެ.

https://www.facebook.com/Author21mamdhooh/videos/597281825080943/

ރަތްއަކިރީ ގެ ހުންނަ ހިސާބާ އަރައި ހަމަވުމުން އެގޭ ދޮރުމަތީގައި މަރުވެފައި އޮތް ބޮޑު ރަކިސް ބޮނޑެއް ފެންނަން އޮތެވެ. ކުރީ ދުވަހެއްގައި ސަލީމު މުޅި ހިސާބުގަނޑު ހޯދަ ހޯދައި ވަނީ މިގެ ނުފެނިފައެވެ. މި ގޭގެ ކުރިމަތިން މި ފެނުނު ރަކިސްބޮނޑު އޮތީ ހުދު ކުލައިގައެވެ. އޭތި އޮތީ ރަތްއަކިރީ ގެއަށް ވަންނަ ދިމާލު ދޮރުގެ ކުރި މައްޗަށް ވާގޮތަށް ކަންވާރަކުން އެލުވާފައެވެ. އެ މަރުވެފައި އޮތް ސޫފި ފެނުމާއެކީގައި އެއީ ބޮޑު ފަންޑިތައެއްގެ ކަމެއްކަމުގައި ރަށު ކަތީބު ބުނުއްވިއެވެ. އަދި އޭތީގައި އެއްވެސް މީހަކު އަތް ނުލުމަށް ވެސް ބުނުއްވިއެވެ. ރަކިސް ބޮނޑު އެލުވައިފައިވާ ކަންވާރުގަނޑު ކަނޑައި ވައްޓާލިއެވެ.

ރަތްއަކިރީގެ ގޯތީގެ ތެރެއަށް ކަތީބާ އި ސަލީމުގެ އިތުރުން އެރަށު އެހެން ހަތަރު މީހަކު ވަދެއްޖެއެވެ. އެގޭ ތެރެ ރަނގަޅަށް ބަލައި ފާސްކޮށް ހެދި ހެދުމުގައި އެގޭގައި ހުންނަނީ އެންމެ ތިން ކޮޓަރިކަން އެނގުނެވެ. އެކަމަކު އެތަނުން އެއްކޮޓަރި ވަރަށް ބޮޑަށް ނިވާކޮށް ފޮރުވާފައި ހުރިކަމާއި އެކޮޓަރީގެ ތެރެއިން އެހެނަސް ފުޅި ތަކާއި ސިހުރުހާހޫރަ ހެދުމަށް ބޭނުން ކުރެވޭ އެކި ކުރެހުންތަކާއި އެކި ޒާތްޒާތުގެ ވަސީލަތްތައް ވަނީ ފެނިފައެވެ. އެހޯދި ހޯދުންތަކުން އެ ގޭތެރޭގައި ބޮޑަށް ނިވާކޮއްފައި ހުރި ކޮޓަރީގެ ތެރެއިން ވަނީ ބޮޑު ގުޅިއެއް ވެސް ފެނިފައެވެ.

މި ގުޅި ފެނުމާއެކީ ރަށު ކަތީބަށް ކޮންމެ ވެސް ވަރެއްގެ ސިހުމެއް ލިބިއްޖެއެވެ. އެއީ އޭނާ އަބަދު ވެސް އަޑުއަހާ ވާހަކައެއް އޮވެއެވެ. މާ ކުރީޒަމާނުއްސުރެ ރަށު ތެރޭގައި އޭރު އުޅުނު މީހުން ދައްކާ އުޅުނު ވާހަކައެކެވެ. ތުއްތުސީދީގެ ޢާއިލާގެ ތެރޭގައި އޭނާގެ މުނިކާފަ ދުވަސް ވަރުން ފެށިގެން ބޮޑު ގުޅިއެއް ފޮރުވައިގެން ގެންގުޅޭ ވާހަކައެވެ. މިވާހަކަ އަކީ ރަށު އެންމެންނަށް ޔަޤީނުން ވެސް އެނގޭނެ ވާހަކައެއް ނޫނެވެ. މިބުނާ ގުޅިއަކީ އެހެންޏާ ނުފެންނަ ވައްތަރުގެ ގުޅިއެކެވެ. މި ފާޑުގެ ގުޅިތަކާ މުޅިން ތަފާތު ގޮތެއްހުރި މި ގުޅީގެ ބޭރުގައި އެކި ކުރެހުން ތަކާއި ނިޝާންތަކެއް ކުރަހައި ލިޔެ ހަދައިފަވެއެވެ. މި ރަތްއަކިރީ ގެ ގިފިލިފަރާތުގެ ވަޅުދޮށުގައި ވަނީ އާދަޔާޚިލާފު ފާޑުފާޑު އެއްޗެހި އަންދައި ހަދާފައި ހުރިކަމުގެ ހެއްކެވެ.

ކަތީބުމެންނާއި އެކުގައި އެގެއަށް ވަން އެރަށު ދެ މީހަކަށް ވަނީ އެގިފިލީގެ ފެންވަޅުގެ ތެރެއިން އިންސާނުންގެ މައި ބަދައިގެ ކަށިތަކާ އަދި އިންސާނެއްގެ ބޮލުގެ ނާށިގަނޑު ވެސް ފެނިފައެވެ. ހަމަޔަޤީނުން ވެސް އެއީ ފަންޑިތައިގެ ނުބައި ވެގެންވާ ކަޅު ސިހުރެއްކަމަށް ނޫނީ ނުވާނެކަމީ މުޖައްރިބު ކަމެކެވެ. އެގިފިލި ތެރޭގައި ހުރި ބޮޑު ބިލެއްވެޔޮގަނޑު ކައިރިން ކުކުޅު ގެންގުޅޭ ކޮށްޓެއް ފެނުނެވެ. އެ ކުކުޅު ކޮށީގެ ހުރިހާ ކުކުޅުތަށް ވަނީ މަރާ ކުދިކޮށް ކޮންމެ ވެސް އެއްޗެއް އެކުކުޅު ތައް ނޮޅައި ކައި ހަދާފައެވެ. މުޅި ކޮށީގެ ތެރެއިން ދުވަނީ ކުނިވަހެވެ.

މަރުވެފައިވާ ކުކުޅުތައް ފުޅައަޅައިގެން މުޅިތަން ނަޖިސްވެ މެހިބުރަނީއެވެ. އެތަނުން ދުވާ ކުނި ފުޅަވަހުން ނޭވާލާން ވެސް އުނދަގޫވާ ވަރުވެއެވެ. ބޮޑަށް އެކުކުޅު ކޮށީގެ ތެރޭގައި މަރުވެފައި ހުރީ ކަޅު ކުކުޅު ކަމަށް ފާހަގަ ކުރެވެއެވެ. އެ ގޭގައި ބޮޑު ދެ ބަނބުކެޔޮ ގަސް ހުރެފައި އެހެނިހެން ވަރުގަދަޔަށް ބޯކޮށް ގަސް ހައްދާފައި ހުއްޓެވެ. ރަށު ކަތީބު ރައްޒާގަށް މިހާރު ކަމެއް ވިސްނި ހަނދާންވާން ފެށިއެވެ. ރައްޒާގުގެ ބައްޕަ ދުނިޔޭގައި އުޅުނު އިރު ދައްކާ ވާހަކައެކެވެ.

ތުއްތުސީދީގެ މުޅި މުނިކާފަ ދުވަސްވަރުން ފެށިގެން އެމީހުންނަކީ ސިހުރު ހަދައި އުޅުނު ސާހިރުންނެވެ. އެމީހުންގެ އާއިލާ ތެރޭގައި ޖިންނިއަކު ކަޅުހިޔަންޏެއްގެ ސިފައިގައި އަބަދު ވެސް އުޅޭ ވާހަކައެވެ. އަދި އެމީހުންގެ ތެރޭގައި އާދަޔާޚިލާފު ފޮތެއް ވާރުތަވަމުން އަންނަ ވާހަކައެވެ. ކަތީބަށް މިކަމުގައި އެނގޭ ހުރިހާ ވާހަކަތަކެއް އެތާނގައި ތިބި މީހުން ގާތުގައި ދެއްކެވިއެވެ. މި ވާހަކަ ތަކުގެ އަޑު އަހާފައި އެތާނގައި ހުރި ސަލީމަށް ބިރުވެރިކަމެއް އިހްސާސްވެ ގައިން ހީބިހި ނަގައިފިއެވެ.

ސަލީމަށް މިވަނީ ހަމަރަނގަޅަށް ވެސް އެބުނާ ކަޅު ހިޔަންޏެއް ނޫނީ ޖިންނިއަކު ފެނިފައެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ތެދެކެވެ. ތުއްތުސީދީއަކީ ވަރަށް ވިސްނުންތެރި ހުޝިޔާރު މީހެކެވެ. ތުއްތުސީދީ އަކީ އޭނާ ހަދާ އެކަހަލަ ހުރިހައި ސިހުރު ފަންޑިތައިގެ ކަންތައްތައް އެކުރާކަމެއް ކޮށް ނިމުމުން އެބޭނުން ކުރެވުނު ތަކެތި ނައްތާލާ މީހެކެވެ. އެގޮތުން އޭނާ ވަނީ ޝަރީފާގެ ގަބުރު ކޮނެހެދިރޭ ލައިގެންހުރި މުންޑާއި ގަމީސް ތާނގީ ގަނޑެއްގައި އަންދާލާފައެވެ. ހަމަ މިރެއަކު އޭނާވަނީ ބޮޑު ސިހުރުފޮތުގެ ގޮތް ނޭނގޭ ބަހުރުވަ ދިވެހި ބަހަށް ޔާސިރު ތަރުޖަމާ ކުރިފޮތް ވެސް އަންދާލާފައެވެ.

އެކިފަހަރުމަތިން މިގޮތަށް އޭނާ ހަދާ ފަންޑިތަ ސިހުރާ ގުޅުންހުރި އެއްޗެހި (ސިހުރު ހެދިކަމުގެ ހެކިތައް) ވާނީ ނުބަހައްޓައި އެތަކެތި އަންދާލާފައެވެ. ރަށު ކަތީބަށް ފެންނަ ޙިޔާލެއް އެތާނގައި ތިބި އެންމެންނާ ހިއްސާ ކޮށްލެވިއެވެ. ސިއްޙީ މަރުކަޒުގައި އޮތް ތުއްތުސީދީ އޮޅުލައިގަނެގެން އެގެންގުޅޭ ޒާތެއްގެ ލޮއިނގަނޑުން ހަދައިފައިވާ ފޮތްގަނޑު އޭނާ އަތުން ނަގައިގެން ގެނެސް އެއަށް އެންމެންވެގެން ގޮތެއް ނިންމުމަށް ވާހަކަ ދެއްކުމަށެވެ. ތުއްތުސީދީ އެގެންގުޅޭ ފޮތަކުން އޭނާ ފަންޑިތަ ސިހުރު ހަދަނީކަމަށް ވަރަށް ބޮޑަށް މިހާރު ޔަޤީންކަން ވެއްޖެއެވެ. ރަތްއަކިރީގެ ގޭތެރެއިން ފެނުނު އެކިޒާތް ޒާތުގެ ސިހުރު ހެދުމަްްށް ގުޅުންހުރި އެއްޗެހި އަންދާ ނައްތާލުމަށް ރަށު ކަތީބު އަމުރު ކުރެއްވިއެވެ. ތުއްތުސީދީގެ ހަޔާތަކީ މުޅިން ސިއްރުން ފުރިފައިވާ ހަޔާތެކެވެ. މިގޮތަށް އޭނާ ދިރިއުޅޭ ގޯތީގެ އެތަންމިތަން ކޮނެ ހާވައި ބެލިޔަސް ހަގީގަތް ނޭނގޭ ކިތަންމެ އެއްޗެއް ވަޅުލާފައި ހުންނާނެއެވެ. ތުއްތުސީދީގެ ހަޔާތުގެ ކިތަންމެ ސޮފްހާ ތަކެއްގެ ފޮރުވިފައި ވާ އެތައްކަމެއް ހުންނާނެކަން ޔަޤީނެވެ.

ތުއްތުސީދިގެ ދަރިފުޅު ޔާސިރަކީ މިހާރު ބޮޑުވެފައިހުރި މީހެކެވެ. އޭނާއަކީ އެހެން މީހުންނާއި އެކުގައި ގެންގުޅެން އުނދަގޫ މީހެކެވެ. ޔާސިރު މި ހާރުހުރީ އެރަށު މަރިޔަަމްފުޅުގެ ގޭގައި ބަހައްޓާފައެވެ. މިވީ ދެދުވަހެއްގެ ތެރޭގައި ޔާސިރު އޮތީ ވަރަށް ގަދަޔަށް ހުން އައިސްފައިކަމަށް މަރިޔަމްފުޅު ބުންޏެވެ. އޭނާއަށް ފަރުވާ ކުރެވޭތޯ މަރިޔަމްފުޅަށް ވީ ކޮންމެ އެހީއެއް އެބަވެއެވެ. ކޮންމެ ގޮތެއް ވިޔަސް ތުއްތުސީދީ އަތުގައި އޮތް ސިހުރު ފޮތްވަނީ ރަށު ކަތީބުގެ ބުނުމަކަށް ގެނެސް ރަށު އޮފީހުގައި ރައްކާތެރި ކަމާއެކު ބާއްވާފައެވެ. އެފޮތަށް ހަދާނެވަކިގޮތެއް އަދި ނުނިންމައެވެ.

ޖެހިގެން ހުރި އަތޮޅުގައި ހުރި ފަންޑިތަ ހަދާ ފިރިހެނަކު ވަނީ ރަށު ކަތީބުގެ އެދުމަކަށް އެރަށަށް ގެނެސްފައެވެ. ކަތީބާއި އެރަށުގެ ދުވަސްވީ މިހާރު ދުނިޔޭގައި ތިބި މީހުންގެ ކިބައިން އެކިވާހަކަތައް ތުއްތުސީދީ އާ އޭނާގެ ކާބަފައިންނާ ބެހޭ ގޮތުން އޮޅުންފިލުވައި ހެދިއެވެ. ގިނަބަޔަކު ބުނެއުޅެނީ ތުއްތުސީދީގެ ގޯތީގެ ތެރެއިން އެފެނުނު ގުޅިއާއި ތުއްތުސީދީގެ އަތުން އެފެނުނު ފަންޑިތަފޮތަކީ މިރަށުގައި ބޭއްވުން ރަނގަޅު އެއްޗެހީގެ ގޮތުގައި ނުފެންނަ ކަމެވެ. އަދި އެރަށަށް ގެނެވުުނު ދޮންމަނިކުބެ އަކީ ފަންޑިތަ ޖެހިފައިވާ މީހުން ރަނގަޅު ކޮށްދޭން ދަންނަ ޖިންނި މޮޔަވެފައި ތިބޭ މީހުންނަށް ރުޤްޔާ ކޮއްދޭ މީހެކެވެ.

ރަށު ކަތީބު ވަނީ ހުރިހާ ހާދިސާއެއް ދޮންމަނިކު ބެއަށް ކިޔައިދީފައެވެ. އަދި އެރަށާ ޖެހިގެންއޮތް ސަންގުފުއްޓަރު ފަޅު ރަށުގައި ހިނގި ގޮތްނޭނގޭ ބޮޑު އަލިފާނުގެ ހާދިސާގެ ވާހަކަ ވެސް ކިޔައިދީފިއެވެ. ތުއްތުސީދީގެ ގެއިން ފެނުނު ތަކެއްޗާއި ގުޅިއާ ފޮތުގެ އެކި ވާހަކަ ވެސް ކިޔައިދީފިއެވެ. މިހުރިހާ ކަމަކަށް ވަކިގޮތެއް ނިންމާފައި ދޮންމަނިކުބޭ ޖަވާބެއް ދޭނެކަމަށް ބުންޏެވެ. އޭގެ ދެތިން ދުވަހެއްގެ ތެރޭގައި ތުއްތުސީދީގެ ދަރިފުޅު ޔާސިރު ގަދަހުމާއެކު ސިއްޙީ މަރުކަޒުގައި އޮވެ އެނދުމަތިވެފަ އެހެން އޮއްވައި އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

ހަފްތާއެއް ފާއިތު ވެއްޖެއެވެ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ދޮންމަނިކުބޭ އެ ސިހުރުފޮތާއި ގުޅިއަށް ހަދާނޭ ގޮތަކާއި މެދު ކަން ކުރަންވީގޮތް ވަނީ ބުނެދީފައެވެ. ދޮންމަނިކު ބުނަނީ އެފަދަ ގޮތްނޭނގޭ ޝައިޠާނީ ފޮތެއް އެރަށުގައި ނޫނީ އެހެންބަޔަކު ދިރިއުޅޭ ތަނެއްގައި ބޭއްވުމަކީ މުޅި އިންސާނީ ދަރިފަސްކޮޅަށް ހުރި ބޮޑު ބިރެއްކަމުގައެވެ. އެއްވެސް ރަނގަޅު ކަމެއް އެއިން ނުވާނެތީ އެތަކެތި ޖެހޭނީ ރަށުންބޭރުކޮށް ކަނޑު ފައްތަން ކަމަށް ވެސް އޭނާ ބުންޏެވެ. މިއީ ފެންނަ އެންމެ ހެޔޮ ގޮތް ކަމަށް ކަތީބާއި އެރަށު ރައްޔިތުން ވެސް އެއްބަސްވިއެވެ.

ސަބަބަކީ އެފަދަ ބިރުވެރި ސިހުރު ފޮތެއް އޮންނަ ތަނެއް ނުވަތަ ރަށެއް މުޅިން ފަޅުވެ ނެތި ފަނާވެ ވީރާނާ ވެގެން ވެސް ދިޔުން އެކަށީގެން ވާތީއެވެ. މިކަމަށް ނިންމުމެއް ގެނައުމަށް ވަކި ދުވަހަކާއި ގަޑިއެއް ކަނޑައަޅާފައި އޭގެ ތިން ދުވަަސް ފަހުން އެރަށު މީހުން ވަނީ އެފޮތް ގުޅީގެ ތެރެއަށްލައި ބޮޑު އެލްމެނިއަމް ތާހަކާއި ތިމަރަ ގަނޑެއް ވިރުވައި އެތަކެތި އެއްކޮށް ގިރުވައި އެގުޅީގެ ތެރެއަށް އަޅައި މަތިޖަހައި ގުޅި ބޮޑު ބަރަކަށް ހަދައި ތައްޔާރުކޮށްފައެވެ.

އެރަށު މަހަށް ފުރާ ދޯނީގެ އުޅޭ ކެޔޮޅު މޫސާފުޅުގެ މަސްދޯނީގެ ތެރެއަށް މިގުޅި ލިއެވެ. ިމޫސާފުޅާއި އިތުރު ފަސް ފަޅުވެރިން ވެގެން ދިގު ދަތުރެއް ހަދައި ގޮސް އެމީހުންނަށް ދިވެހި ރާއްޖޭގެ ކަނޑުގެ އިމުން ވެސް ބޭރު ވެވިއްޖެއެވެ. އެ ހިސާބުގެ ވެސް މާ ދުރަށް ދޯނި ދަތުރު ކޮއްފައިގޮސްފިއެވެ. ކަނޑުގެ ވަރަށް އޮއިބާރު ހިސާބެއްގައި ފުންމިން ނޭނގޭ ގަދަ ނޫކުލައިގެބޮޑު ކަނޑުގެތެރެއަށް މިބޮޑު ގުޅި ފައްތައިފިއެވެ. އެ ގުޅިއާއި ނުބައި ވެގެންވާ ކަޅު ސިހުރުފޮތް މިހާރު އެވަނީ ދިވެހީންގެ ކަޑުތަކުގެ ތެރެއިން ވެސް ބޭރުވެފައެވެ. މިހާރު އެ ގުޅިޔާއި ސިހުރު ފޮތް ވެސް އަބަދުގެ އަބަދަށް ނެތިގެން ދިޔައީއެވެ. މިކަންތައްތައް ކޮށްނިންމާ ފައި މޫސާފުޅުބޭމެން ރަށަށް އެބުރި އަތުވެއްޖެއެވެ.

ބޮޑެތި ހާދިސާ ތައް ނިމި ދިޔައީއެވެ. އެތައް ބައެއްގެ ނަސްލަށް ސިހުރުގެ ހުރި ބިރުވެރިކަމާއި ނާމާންކަން ޖެހި ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔައީއެވެ. ތުއްތުސީދީ މިހާރު އިނީ ދުނިޔެއިން ވެސް މޮޔަވެފައެވެ. އޭނާ އަބަދު އިންނަނީ ކޮންމެ ވެސް އެއްޗެއް ކިޔާލަ ކިޔާލާ ތުންތަޅުވަ ތަޅުވައެވެ. ތުއްތުސީދީ އެކިޔާލަކިޔާލަ އިންނަނީ "މިހާރު ތިއޮތީ ކަލޭއާ ޖެހިފަ.. މިހާރު ތިއޮތީ ކަލެއާ ޖެހިފަ..." މިގޮތަށް ތަކުރާރު ކޮށް ކިޔާލަކިޔާލަ އިނދެއެވެ. ތުއްތުސީދީގެ ހަޔާތުގެ އެކި ސޮފުހާ ތަކާއި އެކިމަރުހަލާތައް ނާމާން ކަމާއިި ބިރުވެރި ކަންމަތީ ކަޑައްތުކޮށް ނިމުނީއެވެ.

ތުއްތުސީދީ ދިރިއުޅުން ގެ މިހާރު ހުންނަނީ ފަޅަށެވެ. އެގޭގައި ދިރިއުޅޭ އެއްވެސް މީހަކު ނެތެވެ. ރަތްއަކިރީގެ އަކީ މިހާރު މީހަކު ނޫޅޭ ފަޅުވެފައިވާ ނާމާން ބިރުވެރި ވީރާނާވެ ފަޅުވަފައިވާ ސަހަރާއެއްފަދަ ގޯއްޗެކެވެ. އެއްވެސް ދިރުމެއްވާ ތަނެއްނޫނެވެ. ސިހުރާ ހާހޫރަ ހަދައި ފަންޑިތައާއި ފާލުބެލުންފަދަ ކުފުރުވެގެންވާ ނަހީ ކުރެއްވި އެންމެހައި ޝައިޠާނީ އަމަލު ވަނީ އަޅުގަނޑުމެންގެ މައްޗަށް ހަރާމް ކުރައްވާފައެވެ. ސިހުރު ހަދަން ބޭނުންކުރެވޭ ތަކެއްޗާއި ފަންޑިތަ ފޮތާއި ތަވީދު ފަދަ ތަކެއްޗަކީ މުޅިން ނަޖިސް އެއްޗެއްސެވެ. ސިހުރު ފަންޑިތައާއި ފާލުބަލައި ތަށި ދުއްވައި ޣައިބުގައިވާ ކަންތައްތައް ހޯދަން އުޅުން ފަދަ ނުބައިވެގެން ވާބިރުވެރި މުޑުދާރު ކަންތައްތައް ކޮށް ހަދާ އެއްވެސް ބަޔަކަށް ނުވަތަ މީހަކަށް އާޚިރުގައި އެއްވެސް ކަަމިޔާބެއް ނުލިބޭނެ ކަމަކީ ހަމަޔަޤީން ކަމެކެވެ.

އެކަމަކުން ލިބޭނެ ނާކާމިޔާބަކީ މުޅިއުމުރަށް އޭގެ ހިތިރަހަ ހިތިހަބަރައް ވުރެވެސް ހިތިއެޗެއްގެ ގޮތުގައި ލިބުމެވެ. ޝައްކެެއް ނެތް ގޮތުގައި މާތްﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ މުޅި މިއުންމަތަށް ބަދަލެއްނުވާ މަތިވެރި ވެގެންވާ ކީރިތި ޤްރުޢާން ބާވައިލައްވާފައެވެ. އެމާތް ޤްރުޢާން އަށް ވުރެ މަތިވެރިވެގެންވާ ފޮތެއް މިދުނިޔެއާއި ކައުނުގެ މައްޗަށް މާތްﷲ ލައްވާފައެއް ނުވެއެވެ. އެހެނިހެން ފޮތް ތަކާއި ތަކެއްޗަކީ ނެތިފަނާވެެ ދާނެ ބާޠިލް އެއްޗެއްސެވެ. އެގޮތުން ތުއްތުސީދީ އޭނާގެ ކާބަފައިންގެ ދަރިފަސްކޮޅުން އެގެނައި ސިހުރުގެ ފޮތަކީ އިންސާނީ ދަރިފަސްކޮޅަށް އައި ހަލާކު ބޮޑުވެގެންވާ ވަބާއެކެވެ.

ޕަރިސްތާން ރަސްގެފާނު އަލްއަބީރުލްމާލިކް އެމަނިކުފާނުގެ މުޅި ހަޔާތްޕުޅުގައި ވެސް ހުންނެވި ލޯބިވާ ހަމައެކަނި ދަރިކަނބަލުން އަބީރުލް އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އަބަދުގެ އަބަދަށް މިދުނެޔާއި އަލްވަދާޢު ކިޔައިފިއެވެ. ރަސްގެފާނު މިލިބިވަޑައި ގެންނެވި ބޮޑު ހިތްދަތި ކަމުގެ ހިތާމަފުޅު ތަހަންމަލް ނުކުރެއްވިގެން ޕަރިސްތާނުގެ ބޮޑު ގާނޫނެއް މިއަދާ ހަމައަށް ސިއްކަޖެހިފައިވާ ކަންތައް ތަކެއް ބަދަލު ކުރައްވަން ނިންމަވައިފިއެވެ. އެހެނީ އަބީރުލް އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އަކީ ރަސްގެފާނު މިދުނިޔޭގައި ނުހުންނަވާނޭ ދުވަހެއްގައި ޕަރިސްތާނުގެ ތަޚްތައް އަރައިވަޑައިގަންނަވަން އިންނެވި ހަމައެކަނި ފިނިފެންމާ ގަނޑުވަރު ކޮޅުގެ ރާނީ ކަމަނާއެވެ. ޖަރާކް ޖިންނީގެ ހުރި މަކަރުވެރި ހީލަތްތެރި ރޭވުމަކީ އެއްވެސް މީހަކަށް އެނގޭނެ ކަމެއްނޫނެވެ. މީގެ ކުރީގައި ޖަރާކް ޖިންނި ބޭނުންވެގެން އުޅުނީ ޕަރިސްތާނުގެ ވެރިކަން ހޯދާށެވެ.

އެހެނީ ޒަދްރާ ރަނިކަމަނާގެ ޖާދުވީ ފެންގަނޑު ވަނީ ޕަރިސްތާނުގެ ރަސްގެފާނަށް އޭރު ދެއްވާފައެވެ. އަދި ރަސްގެފާނުގެ ނިންމުމެއް ކަމުގައި ދެންވީ އެހެން އެއްވެސް ޖިންނީންގެ ބަޔަކަށް އެފެންގަނޑާ އެއްގޮތަކަށް ވެސް ކައިރިނުވެވުމެއެ. އެފެންގަނޑުން އެއްވެސް ބޭނުމެއް ނުހިފޭ ގޮތް ހެއްދުމެވެ. އެފެންގަނޑު ހަމައެކަނި ޕަރިސްތާނުގެ ބައެއްގެ އެއްޗެއް ކަމުގައެވެ. ޖަރާކް ޖިންނި އޭނާއަށް ވެވުނުހައި ގޮތަކުން ޖާސޫސުކޮށް އެތައް ބަޔަކާއި އިދިކޮޅުވެ ފިތުނަ ފަސާދަ އުފެއްދިއެވެ. އެންމެފަހުން އޭނާ ބޭނުންވެގެން އުޅުނީ އަލްއަބީރުލްމާލިކް ރަސްގެފާނު އަމިއްލައަށް ގަތުލް ކުރުމަށްފަހު ޕަރިސްތާނުގެ ގަނޑުވަރު ޖަރާކް ޖިންނީގެ އަމިއްލަ ތަނެއްގެ ގޮތުގައި ހަދާށެވެ.

އެހެންނަމަވެސް މިހުރިހާ ނުބައި ރޭވުންތަކެއް ޖަރާކް ޖިންނިއަށް ކާމިޔާބު ނުކުރެވިގެން އުޅެނިކޮށް އަލްއަބީރުލްމާލިކް ރަސްގެފާނުގެ ބާރުގެ ދަށަށް ޖަރާކް ޖިންނި ބޮޑު ކުއްވެރިއެއްގެ ގޮތުގައި ގެންދެވި ހައްޔަރު ކުރެވުނެވެ. މި ކަންވީ ޖަރާކް ޖިންނީގެ ނުބައި ރޭވުންތައް ނާކާމިޔާބުވުމެވެ. ޖަރާކް ޖިންނި ބޮޑު އަނދަވަޅަކަށް ވެއްޓުން ކަހަލަ ކަމަކަށެވެ. އަދި ޖަރާކް ޖިންނި އޭނާ އަމިއްލަޔަށް ލިޔެ ހަދައިފައިވާ ކަޅު ސިހުރު ފޮތުގެ ތެރެއަށް އޭނާ ލެވި ބަންދުކުރެވި ހިލިހިލާއެޅުނެވެ. އެ ޖިންނި ކުރަންއުޅުނު ހުރިހައި ކަމެއް ހުއްޓުވުމަކަށް އައި ކަމެއްގެ ގޮތުގައިވިއެވެ. އެކަމަކު ވެސް މަކަރުވެރި ޖަރާކް ޖިންނި އޭނާ އަމިއްލަޔަށް ރާވައިގެން ހުރީ ޕަރިސްތާންގެ ރަސްގެފާނުގެ އެންމެ ލޯބިފުޅުވެލައްވާ ހަމައެކަނި ހުންނެވި ދަރިކަނބަލުން އަވަހާރަ ކޮއްލެވޭނެ ގޮތަކަށް ރޭވުމަށެވެ.

މިކަންތަށް މިގޮތަށް ކުރެވިއްޖެއްޔާ އެކަންވާނީ ޕަރިސްތާނު ރަސްގެފާނު މުޅި އުމުރުފުޅުގައި ވެސް ހިތާމަފުޅު ކުރައްވާނެ ކަމެއްކަމުގައެވެ. ޝަބީބާ ކަމަނާ ގެ އަވަހާރަ ވުމަށްވުރެ ވަކިން ބޮޑު ވެގެންވާ ހިތްދަތި ހިތާމަފުޅެއް ރަސްގެފާނަށް އުފުއްލަވަން ޖެހިވަޑައި ނުގަންނަވާނެކަން ޚުދް ޖަރާކް ޖިންނި އަށްވެސް އެނގެއެވެ. މިހުރިހައި ހާދިސާއެއް ހިނގައި ދިއުމަށްފަހު ރަސްގެފާނުވަނީ ބޮޑު ގާނޫނެއް ހައްދަވައި ބޮޑު ޤަރާރެއް ހައްދަވައިފައެވެ.

ޕަރިސްތާންއަށް ގެންދެވުނު ހަމައެކަނި އިންސާނާ މުއާވިޔަތު އެމަނިކުފާނުގެ އަނބިކަނބަލުން ޝަބީބާ ކަމަނާ އަވަހާރަވުމުގެ ހިތާމަފުޅުގައި ތަހަންމަލް ނުކުރެއްވިގެން ހިއްދަތި ދުވަސްތައް ގުނަމުން ދިޔައެވެ. އެމަނިކުފާ އަކަށް ދެނެއް މިބިމަކަށް ފައިބައި ވަޑައެއް ނުގެންނެވޭނެއެވެ. މިހެން ދުވަސްތައް އެ މަނިކުފާނު ލޯ އަނދިރި ބޭކަލެއްގެ ގޮތުގައި ކަޑައްތުކުރަމުން ގުނެއްވަމުން ގެންދެވިއެވެ. މުއާވިޔަތު އެއް ރޭއެއްގައި ޝަބީބާ ކަމަނާ އިންނެވި ބަގީޗާކޮޅުގައި ހުރި ބިޔަ ކެލާ ގަހުގެބުޑުގައި ކީރިތި ކުރައްވަން ހުއްޓަވައި ހިތްޕުޅަށް ލިބިވަޑައިގެން ނެވި ހިތާމަފުޅަކުން އެ މަނިކުފާނު ކުއްލިގޮތަކަށް އަވަހާރަ ވެވަޑައިގެން ބިންމަށްޗަށް ވެއްޓިވަޑައިގަތެވެ. އަލްއަބީރުލްމާލިކް ރަސްގެފާނު މުއާވިޔަތު ފަސްދާންވެޑުވީ ފުރަތަމަ ޒަދްރާ ރަނިކަމަނާ ދެއްވި ފެންގަނޑު އޮތް ބޮޑު ފަރުބަދައިގެ ހުރި ހޮހަޅަ ތެރޭގައެވެ.

ޕަރިސްތާނުގެ ރަސްގެފާނު އެމަނިކުފާނުގެ ދަރިކަނބަލުން އަބީރުލް އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އަވަހާރަ ވުމާ ގުޅިގެން ކަނޑައެޅި ޤަރާރަކީ މީގެ އެތަކެއްހާސް އަހަރުތަކެއްގެ ކުރިން ލ.ގަމުގައި އޮންނަ ޕަރީފެންގަނޑުގެ އަޑީގައި އިންސާނުންނާއި ޖިންނީންގެ އެއްވެސް ބަޔަކަށް ނުފެންނަ ގޮތަށް ރައްކާ ކުރެއްވިގެންވި ޒަދްރާ ރަނިކަމަނާގެ ހުރިހާ ޚަޒާނާއެއް އެފެންގަނޑުން ނެންގެވުމަށް ނިންމެވި ޤަރާރެވެ. ޕަރީފެންގަނޑަކީ އެޖަޒީރާ ރަށުގައި އޮތް ތަނެއްކަމުގައި ވިޔަސް އެފެންގަނޑުގައި ފޮރުއްވިގެންފައިވާ ހުރިހާ ބޮޑެތި ޚަޒާނާތައް ނަންގަވައި ރައްކާތެރި ކުރައްވަން އެހެންތަނަކަށް ގެންދަން ނިންމެވި ނިންމެވުމެވެ. ޝަބީބާ ކަމަނާ ނެތް ދުނިޔެއެއްގައި އެއްވެސް ބަޔަކަށް ދެން އިތުރަށް އެ ފެންގަނޑުގައިވާ ޖާދުވީ ބާރު ނުލިބުމަށްޓަކައެވެ. މިކަންތައް މިހެން ކުރެއްވުމަށް ފަހު ޕަރީފެންގަނޑަކީ މީ ގެފަހުން ހުރިހާ ބަޔަކަށް ވާސިލުވެވޭނެ ހުއްދަ ލިބިގެންވާ މިނިވަން ތަނެއްގެ ގޮތުގައި ހެއްދުމަށެވެ.

ޕަރިސްތާނުގެ ރަސްގެފާނުވަނީ ހަނދު ބޮޑުވި ރޭގަނޑެއްގައި ޕަރީފެންގަނޑުގައިހުރި ހުރިހާ ޚަޒާނާތަކެއް ރަސްގެފާނުގެ ލަޝްކަރުން ގެންނަވައި ރައްކާތެރިކަމާއެކު ޕަރީފެންގަނޑުން ނަންގަވައިފައެވެ. އެހުރިހާ ތަކެތި ޕަރިސްތާނުގެ ރީތި ބަގީޗާގައި ބަހައްޓަވައިފައެވެ. ޝަބީބާ ކަމަނާ ހުވަނދު ތައްޔާރު ކުރައްވަން އުޅުއްވި ތަނުގައި ރަނުން ބޮޑު އުސް ވަޅެއް ބިނާކުރެއްވި އެވެ. އަދި އެ ހުރިހާ ޚަޒާނާއާއި އެކު ޒަދްރާ ރަނިކަމަނާ ދެއްވައިފައިވާ ޖާދޫގެ ރަން އަނގޮޓިފުޅު ވެސް އެވަޅުގެ ތެރެއަށް ލައްވައި މުޅި ވަޅު އެއްކޮށް ރަނުގެ މަތިގަނޑަކުން ބަންދު ކުރެއްވިއެވެ. އަދި ބަގީޗާގައި ހަލާކުވެގެން ދިޔަ ފެންގުއްބުގެ ބަދަލުގައި އަލިފާނުން ގުއްބެއް ހެއްދެވިއެވެ. އަދި އެ ބަގީޗާ ގެ ސަންގުމަރުމަރު ހިލައިންވާ ފާރުތަކުގެ ވަށައިގެން އަލިފާނުން ބިނާކޮއް ތައްޔާރު ކުރެއްވި ފައިވާ ބޮޑެތި ތަނބުތަކެެއް ވެސް ޖެއްސެވިއެވެ. ތާއަބަދުގެ އަބަދަށް އެބަގީޗާ ދުވަހަކު ވެސް ނުހުޅުވޭނޭ ގޮތަށް ޕަރިސްތާން ގެ ރަސްގެފާނު އެ ފިނިފެންމާ ބަގީޗާކޮޅު ބަންދު ކުރެއްވިއެވެ.

މިހާރު ލ. ގަމުގައި އެއޮންނަ ޕަރީފެންގަނޑަކީ ވަކިބަޔަކަށް ހާއްސަވެގެން ސިއްކަޖެހިގެން ހުއްދަ ލިބިގެން އެރެން އޮންނަ ތަނެއްނޫނެވެ. މިރީތި ފެންގަނޑުގެ ހުރިހައި އަޖައިބު ކުރުވަނިވި ކަންތައްތައް މިހާރު މިވަނީ މާޒީވެފައެވެ. މިހާރު ޕަރީފެންގަނޑަކީ އެންމެން އެރެން އޮންނަ ރީތި ތަނެކެވެ.

https://www.facebook.com/Author21mamdhooh/videos/757140105588813/

ނިންމުން...

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވާން ފެށިއެވެ. ކުރިއެކޭ ވެސް އެއްފަދައިން މިހާރު ވެސް ލ. ގަމުގައި ޕަރީފެންގަނޑު އޮވެއެވެ. އެތަނަކީ މިހާރު ހުރިހާ ފަތުރުވެރިން ބަލައިލަން ދާން އޮތް ޤުދުރަތީ ރީތި މަންޒިލެކެވެ. ކުދިބޮޑު އެންމެން އެތަނަކަށް އެކި ޗުއްޓީ ތަކުގަޔާއި ދަތުރު ވަރީގައި ޒިޔާރަތް ކުރަންދާ ތަނަކަށް ވެފައެވެ. އަދި ފޮޓޯނަގައި ޤުދުރަތީ ހިތްފަސޭހަ ތަނެއްގެ ގޮތުން ސިފަ ކުރެވެމުން އަންނަ ތަނެއްގެ ގޮތުގައި ވެފައެވެ.

ރެޔަކީ ހުކުރު ދުވަހުގެ ރެއެވެ. މިރޭގެ އުޑުމަތި ސާފުވެފައި ސާދަ ވިލޭރޭގެ ހަނދުވަނީ އޭގެ އެއްވެސް ހުރަހަކާ ނުލައި މުޅި ހިސާބުގަނޑަށް ހަނދުގެ ރިހި އަލިކަން ފަތުރައި ލައިފައެވެ. މި ރީތި ހިތްގައިމު ރޭ ޖެހޭ ނަލަ ރީތި ފިނި ވައިރޯޅިން ފެންގަނޑު ކައިރީ ގައިވާ ގަސްތަކާއި ރުއްތައް ވަނީ އޭގެ ޒާތުގައި ވިހުރި މިނިވަން ކަންމަތީ ނަށާލަ ނަށާލައެވެ. މި ރީތި ހަނދުވަރު ގައި ސާފު އުޑު މަތީ ފިޔަޖަހާ ރީތި އެތަކެއްހާސް ތަރިތައްް ވަނީ އޭގެ ޒާތުގައި ފިޔަޖަހައި ޖަހައިލައެވެ. ތަރިތަކުގެ ވިދައި ބަބުޅާ ބެބުޅުން ތަކުން ޖަރީވަމުން އަންނަ ޖަވާހިރު ތަކެއްހެން އުޑު މައްޗަށް ރީތިކަން ގެނުވާފައެވެ.

މި ރީތި ތަރިތަކުގެ ތެރެއިން ވަރަށް ބޮޑު އެއްތަރި އަލިގުޅައެއް ފަދައިންަ ރީތި ގަދަ ރަންގު ދަނބު ކުލައިގެ އަލިފާން ގިނިކަނި ބުރުވަމުން އެބަދެއެވެ. އެ އަލިގުޅައިން ދަނބުކުލައިން ނިވިދިއްލެމުން ދިޔައިރުގައި އޮލަދުން ހުރީ އަރައަރައެވެ. އަދި އެ އަލިގަނޑު ތެރެއިން ބާރު ގަދަ ގިގުނިފައްޗެއް ތަޅުވާ އަޑު ވެސް ހުރީ އިވިއިވިއެވެ. ހަލުވި ކަމާއި އެކު އެބިޔަ ތަރި އަލިފާން ބޯޅައެއް ފަދައިން އެބުރެމުން ވިދައި ބަބުޅަމުން އައި ވަގުތު އެއިން އިވެމުން ދިޔަ ގިގުނީގެ އަޑުގެ އެތެރެއިން ވަރަށް ރީތި ތޫލި އަޑަކުން އަންހެނަކު އައީ ލަވައެއް ކިޔަމުންނެވެ. އަދި އެ އަޑު ހުރީ ޖައްވުގައި ގުގުމާލައިފައި ފެތުރިފައެވެ. އެ އަލިގަނޑު މިސްރާބު ޖަހަނީ ތިރިއަށެވެ. މި ރީތި އަލިގަދަ ތަރި ބޮޑު ދަނބު ކުލައިގެ އަލިފާން އަލިގުޅައެއް ފަދައިން އެއައި ގޮތަށް އައިސް އެ ތިރި ކޮށްލީ ޕަރީފެންގަނޑަށެވެ....! *** ނިމުނީ ***

މަންދުގެ މުޅިން އައު ވާހަކައެއް، 20 ފެބްރުއަރީ 2024ގައި ނެރެނީ...

"ވީނަސް"

މަމްދޫހު އިބްރާހީމް (މަންދު) ލިޔެ ޕަބްލިޝްކޮށްފައިވާ ވާހަކަ "ޕަރީފެންގަނޑު" މިހިސާބުން ނިމުނީއެވެ. މިއީ ވާހަކަ ލިޔުމުގެ ފަންނުވެރިކަމަށް މުޅިން އަލަށް ނުކުތް ހުނަރުވެރި މިޒުވާނާގެ އަލަތު ވާހަކައެވެ. އެތައް ހޭދައަކާއި އެތައްގިނަ ގޮންޖެހުންތަކަކަށްފަހު ގިނަގުނަ ހުރަސްތަކާއި ތަކުލީފުތައް ގިރާކޮށް 2022 ވަނަ އަހަރުގެ ނޮވެމްބަރމަހުގެ 4 ވަނަދުވަހުގެ ރޭގަނޑު މަންދުގެ މިވާހަކަ "ޕަރީފެންގަނޑު" ރަސްމީކޮށް ނެރެދެއްވީ ރައީސްއޮފީހުގެ މިނިސްޓަރ އަހުމަދުސަމީރެވެ.

ޕަރީފެންގަނޑު ވާހަކަފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ފޮތެއް މިނިސްޓަރސަމީރަށް ހަދިޔާކުރަނީ

ފުރަތަމަ ކުރި މިތަޖުރިބާއަށްފަހު މަންދު ވަނީ ވާހަކަ ލިޔުންތެރިކަމުގެ ދޮރާށިން އެތެރެއަށް ފިޔަވަޅު އަޅާފައެވެ. އަދި ދެން އެދާއިރާއިން ކުރިއަށް ފިޔަވަޅުތައް އަޅަމުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައި މަންދުވަނީ ހަލިނޫހަށް މިނިމުނު ރަމަޟާން މަހު ކުޑަކުދިންނަށް ހާއްސަ މައުލޫމާތާއި ގަޔާވާ ސިފަގެނެސްގެން ކުދިވާހަކަތަކެއްވެސް ގެނެސްދީފައެވެ. އަދި މިހާރު މަންދު ދަނީ އޭނާގެ މުޅިން އައު ވާހަކައެއް ޝާއިއުކޮށް ނެރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް 2024ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި ރަސްމީކޮށް ނެރުމަށް ހަމަޖައްސާފައިވާ މަންދުގެ ދެވަނަ ވާހަކަ "ވީނަސް"ގެ މަސައްކަތްތައް މިހާރުވަނީ ގާތްގަނޑަކަށްގެން ނިމިފައެވެ.

މިއީ ދުނިޔެއާއި އަމިއްލަ އެދުމުގައި ކުށެއްނެތް މައުސޫމު ހަޔާތެއްގެ އުފަލާއި ހަމަޖެހުން ރިހުމާއި ތަކުލީފާއި ވޭނުން އަންދާއަޅިއަށް ހަދާލާ ދިރިހުރުމުގެ ހުޅުކޮޅަށް ފުމެ ނިވާލަން ކުރާ އަނިޔާގެ ވާހަކައެކެވެ. މިއީ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް އަމަލުތަކެއްގެ ވާހަކައެވެ. މިއީ ކެހިވެރިކަމާއި މަކަރާއި ހީލަތާއި އަނިޔާވެރިކަމުގެ އިންތިހާގެ ވާހަކައެކެވެ. މިއީ އާއިލާއަކުން ނިގުޅައިގަނެވޭ އުފަލާއި ހަމަޖެހުމާއި ލޮބުވެތިކަމުގެ ބަދަލު ހޯދުމަށް ކުރެވޭ ހިތްވަރެއްގެ ވާހަކައެވެ.

އަމިއްލައުފަލާއި ކާމިޔާބާއި ޖާހާއި ގަދަރަށްޓަކައި އަނެކާ ދިރިހުއްޓައި އަންދާއަޅިއަށް ހަދާލުމަށްފަހު ފަހެ އޭނާއަށް އެކަންތައް ހާސިލުވޭބާވައެވެ؟ ބިރާއި އަނިޔާއިން އަނެކާގެ ހަޔާތް ވީރާނާކޮށް ނައްތާލާފައި އޭނާއަށް ހަމަޖެހޭ ދުނިޔެއަކަށް ދެވޭބާވައެވެ؟ އިންސާފަށް އެދި ތެޅިފޮޅެމުންދާ ރޫހެއް އޭނާގެ ވަށައިގެން އެނބުރޭކަން އޭނާއަށް އެނގޭބާވައެވެ؟ އެރޫހަށް އިންސާފުލިބޭނެބާވައެވެ؟ އެއާއިލާއަށް ބަދަލު ލިބޭނެބާވައެވެ؟ މިސުވާލުތަކުގެ އެންމެ ފުރިހަމަ ޖަވާބު ލިބޭނީ މަންދުގެ ވާހަކަ "ވީނަސް" ކިޔާލުމުންނެވެ.

ވާހަކައާ ބެހޭ މައުލޫމާތު "ހަލި"ނޫހަށް ދެމުން މަންދުގެ މެނޭޖަރ ބުނީ "ވީނަސް" ވާހަކައިގެ ޓްރެއިލާ ޑިސެމްބަރު މަހު ނެރޭނެކަމަށާއި ވާހަކަ ނެރޭނީ 2024 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 20ގައި ކަމަށެވެ. މިހާރު ހުރިހާ ކަމެއްވަނީ ގާތްގަނޑަކަށްހެން ނިމިފައިކަމަށްވެސް މަންދުގެ ވާހަކައިގެ މަސައްކަތްތަކާ ހަވާލުވެ ހުރި ފަރާތުން ބުންޏެވެ. އަދި މިވާހަކައަކީ ވަރަށްވެސް އަސަރުކުރާފަދަ އެހާމެ ހާސްކަމާއި ސިހުންވާކަހަލަ، ހިތްދަތިއިހުސާސްތައް ކުރުވާ ވާހަކައެއް ކަމަށްވެސް އެފަރާތުން ބުންޏެވެ.