ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ހަމައެކަނި ތިރީސްފަސްއަހަރު ހިދުމަތް ކުރުމުން ނުވަތަ ވަކިފެންވަރެއްގެ ވަޒީފާއެއް އަދާ ކުރާ ބޭފުޅަކަށް ދެވޭ އިނާމެއްވެސް ނޫނެވެ. މިއިނާމަކީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާ އަދާކުރި ކަމުގައިވީނަމަވެސް، މިއިނާމު ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތަކަށްވެސް ލިބޭނެ އިނާމެކެވެ.

މީގެ އަހަރުތަކެއް ކުރިން، އަދު ދުނިޔެ މިދެކޭ ކުލަރީތި ފަސޭހަ ދިރިއުޅުމެއް ނެތް ދުވަސްވަރުގައި، ދަތިތަކާއި ތަކުލީފާއެކުވެސް ގައުމަށްޓަކައި ވަތަނަށްޓަކައި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމުގައި ދައުލަތުގެ މަގާމުތަކުގައި، ވަޒީފާ އަދާކޮށް ރިޓަޔަރވުމާ ހަމައަށް އަދި ރިޓަޔަރވުމަށްފަހުވެސް ދެންވެސް ވެވެން އޮތްހާ ދުވަހަކު ދައުލަތުގެ މަސައްކަތުގައި ހޭދަކުރުމަކީ ކުޑަފަދަ ޝަރަފެއް ނޫނީ ފަހުރެއް ނޫނެވެ. މިފަދަ ހިތްވަރުގަދަ ހިންމަތްތެރިއަކަށް ސްޓޭޖެއްގެ މަތިން ލިބިގެންދާ އައްޑަނައެއް ނޫނީ އެވޯޑެއް ނުވަތަ ބެޖަކުން މި ގުރުބާނީތަކުގެ އަގެއް ނުދެވޭނެކަން ޔަގީނެވެ. އެހެނެއްކަމަކު ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގައި އުމުރުގެ ޅަޒުވާންކަން ހޭދަކޮށް ގައިގެ ވަރުހުރި ދުވަހުން ފެށިގެން ވަރުނެތް ދުވަހާ ހަމައަށްވެސް ދައުލަތަށް ހިދުމަތްކޮށްދެއްވާފައިިވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްމުހައްމަދުސާލިހު ދެއްވަން ފަށްޓަވާފައިވާ މި "ދައުލަތަށް ގިނަދުވަހު ހިދުމަތްކުރުމުގެ އިނާމް" އަކީ ޔަގީނުންވެސް މިފަދަ ހިދުމަތްތެރިންގެ ހިދުމަތުގެ އަގުވަޒަން ކުރާކަމުގެ އެއްހެއްކަކަށް ފުދޭނޭ އިނާމެއްކަން ޔަގީނެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރެއިން ބައިގަރުނަށްވުރެ ގިނަ ދުވަހު، މާނައަކީ ފަންސާސްއަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ހިދުމަތްކޮށްދެއްވުމުގައި ހޭދަކުރެއްވުމުގެ އިތުރަށް ނުވަ އަހަރުވަންދެން ވަޒީފާއަށް ސަލާމް ބުނުމެއް، ގަޑިޖެހުމެއް ނެތި ހާޒިރުވެފައިވާ

ލެފްޓިނަންޓް (ރިޓަޔަރޑް) އަހުމަދުމަނިކަކީ، ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް އަދި ސިފައިންގެޔަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. 1959 ވަނަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހު މަޙްކަމަތުލް އަމަންއާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިން ހިދުމަތް ފަށްޓަވައި، ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކުގައި ސިފައިންގޭގައި ވަނީ ހިދުމަތް ކުރައްވާފައެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ޤާބިލުކަމާއި ތެދުވެރިކަމާއެކު، އެ ކަމަކަށް އިސްކަން ދެއްވައިގެން އަދި މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

ސިފައިންގޭގައި އެކި ދުވަސްވަރު ކޮށްފައިވާ ބޮޑެތި މަސައްކަތްތަކާއި، ގައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެ މަސައްކަތްތަކުގައި އަމަލީގޮތުން އަހުމަދު މަނިކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެތެރޭގައި މިދަންނަވާ ކަންތައްތަކަކީ އަހުމަދުމަނިކުގެ ހިދުމަތުގެ ތެރެއިން ރަންކުލައިން ފަވާލެވޭ ފާހަގަކޮށްލަންޖެހޭ ކަންތައްތަކެކެވެ.

  • 1959 ވަނަ އަހަރުގެ ތެރޭގައި ހިނގައިދިޔަ ހުވަދޫ ބަޣާވާތުގައި، މޯލްޑިވްސް ސްޓާރގައި ގައްދުއަށާއި ތިނަދުއަށް ވަޑައިގެން، ކުރައްވައިފައިވާ މަސައްކަތްތައް

  • ހއ. އަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލުމަށް ގޯލްޑަން ރޭގައި ކުރައްވައިފައިވާ ހާއްސަ މަސައްކަތްތައް

  • 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ބިރުވެރި ޢުދުވާނީ ޙަމަލާގައި، ދިވެހި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަސައްކަތްތައް

  • ސުނާމީ ކާރިސާގައި ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތައް

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ހާޒިރީއަށާއި މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާބެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، 13 މާރިޗު 1980 އިން 13 މާރިޗު 1989 އަށް ގަޑިޖެހުމެއްނެތި އަދި ސަލާމެއް ވިދާޅުނުވެ، ޗުއްޓީއެއް ނުނަންގަވައި، ޑިއުޓީ މަރާ އެން.ސީ.އޯ.އެއްގެ ގޮތުގައި ފާހަގަކުރެވި، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އިނާމާއި ހަނދާނީ ލިޔުން ވަނީ ލިބިވަޑައިގެންފައެވެ. އަދި ސިފައިންގެ ތެރެއިން މަސައްކަތަށް ހާޒިރުވުމުގައްޔާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައިފައިވާތީ، އެންމެ ރަނގަޅު އެން.ސީ.އޯ.އެއްގެ ގޮތުގައިވެސް އަހުމަދުމަނިކު ވަނީ ހޮވިވަޑައިގެންފައެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަހުމަދުމަނިކު ފުރަތަމަ ވަޒީފާ އަދާކުރެއްވީ، ޕްރައިވެޓް ރޭންކުގައެވެ. އޭގެފަހުން އަދާކުރެއްވި މަގާމުތަކަކީ:

  • ލާންސް ކޯޕްރަލް
  • ކޯޕްރަލް
  • ސާރޖަންޓް
  • ސްޓާފް ސާރޖަންޓް
  • ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކް

އަހުމަދުމަނިކު ލެފްޓިނަންޓް ކަމުގެ ރޭންކަށް ބަދަލުކުރެއްވުނީ 21 އެޕްރީލް 2009 ގައެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަހުމަދުމަނިކު، ސިފައިންގޭގައި އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 7 މެޑެއްޔާއި، އެކި ކުލަ ލިބިވަޑައިގެންފައި ވެއެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކަށް ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި:

  • ރައީސުލްޖުމްހޫރިއްޔާގެ މެޑެލް
  • ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމުގެ މެޑެލް
  • އިހުލާސްތެރި ހިދުމަތުގެ މެޑެލް
  • ސިފައިންގެ ހިދުމަތުގެ މެޑެލް
  • އަހުލާގީ މެޑެލް
  • 3 ނޮވެންބަރުގެ މެޑެލް
  • ސައްތައިގެ މެޑެލް

ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި،

  • ރައީސުލްޖުމްހޫރިއްޔާގެ ކުލަ
  • ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލަ
  • އިހުލާސްތެރި ހިދުމަތުގެ ކުލަ
  • ސިފައިންގެ ހިދުމަތުގެ ކުލަ
  • އަހުލާގީ ކުލަ ތިންފަހަރު ލިބިވަޑައިގެންފައި

ދިވެހި ސިފައިންގެ ހިދުމަތުން ލެފްޓިނަންޓް އަހުމަދުމަނިކަ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވަނީ 2009ވަނަ އަހަރުގެ އޮގަސްޓު 1 ވަނަ ދުވަހުގައެވެ. މިއިނާމު އެރުވުމަށް، 29 ޖުލައި 2023 ވަނަ ދުވަހުގެ ހެނދުނު ބޭއްވި މި ރަސްމިއްޔާތަށް ވަޑައިގަންނެވުމަށް ލެފްޓިނެންޓް ކާނަލް އަހުމަދުމަނިކު ސިއްހީހާލުކޮޅު ހުންނެވި ގޮތުން ވަނީ އުޒުރިވެރިވެ ވަޑައިގެންފައިވާތީ މި އިނާމާ ހަވާލުވެވަޑައިގެންނެވީ އަހުމަދުމަނިކުގެ ދަރިކަލުންނެވެ.

ގައުމުދެކެ އިންތިހާއަށް ލޯބިވާ، ވަތަނުގެ ލޯބީގާ ދައުލަތަށް ހިތާއި ރޫހުން ގުރުބާންވެވަޑައިގެން މިފަދަ މަގާމުތަކުގައި ވަރުބަލިކަމެއް ފޫއްސެއްނެތި ހަޔާތުގެ މުހިންމު ވަގުތުތައް ހޭދަކކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ލެފްޓިނެންޓް ރިޓަޔަޑް އަހުމަދުމަނިކަކީ ފަނޑުވުމެއް ނެތް ތާއަބަދުމެ ވިދަމުންދާނޭ އަލިގަދަ ތަރިއެކެވެ. ބައިގަރުނަށްވުރެ ގިނަދުވަހު ގައުމުގެ ހިދުމަތުގައި ދައުލަތަށް ދެއްވި ލޯތްބާއިގަދަރުގައި ހޭދަކުރެއްވި ވަގުތުގައި ކުރެއްވި މިންނެތް ހިދުމަތުގެ ނަމޫނާއެއްކަމަށްވާ، ލެފްޓިނެންޓް ރިޓަޔަޑް އަހުމަދުމަނިކަށް ހަލިނޫހުގެ ފަރާތުން ގަދަރާއެކު ސާބަހާއި ސަލާމް ވެދުންކުރަމެވެ.