މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެ ކަމުގައިރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ފައިސާއިން ދައުލަތް ހިންގުމަށް ހަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށްވެސް ހޭދަކޮށްފައިވާނެކަމަށާއި އމިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނޭ ކަމަށެވެ.

މީގެއިތުރުން ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ ކަންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ.

ގެ އިތުރުން، ޤާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، ޓީ.ޖީ.އެސް.ޓިގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީ.އެސް.ޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ އެބައޮތްކަމުގައި ފާހަގަކުރައްވައި މި ރުފިޔާ ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ. އަދި މި ފައިސާ އެކަނި ހޯދިޔަސް ޤައުމުގެ ދަރަނީގެ މައްސަލަ ޙައްލުވީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.