ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހުދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.
އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ ބޭފުޅުންނަށް މި ޝަރަފް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުޠު ފުރިހަމަވާ ބޭފުޅުންނަށްވެސް ޝަރަފްގެ ބެޖާއި އައްޑަނަ އެރުވުނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މިރޭގެ ޖަލްސާގައި، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ ވ. ތީރު, އަލްފާޟިލް އަބްދުލްމުހުސިން ރާމިޒް އެވެ