ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ، ރާއްޖޭ ވަޑައިގެންފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ ރާއްޖެ މި ވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅަށެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަޔާޝީ ޔޮޝިމާސާގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރހަޔާޝީ، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ހަޔާޝީ އާއި މިނިސްޓަރ ޝާހިދު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް ނުވަދިހަ ދުވަހުގެ މުއްދަތަށް ލުއިކޮށްދިނުމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދިވެސް އިތުރުކަންތައްތަކުގެ ތެރޭގައި އެމްއެންޑީއެފް އަށް ބޭނުންވާ ފަޔަރ ބޯޓާއި އައިސީޓީ އިކުއިޕްމަންޓް ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތެއްގައި މިނިސްޓަރހަޔާޝީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހަމަމިއާއެކު، ޖަޕާނު ސަރުކާރުގެ ދީލަތި އެހީގެ ދަށުން އިމާރާތްކޮށްފައިވާ ކަލާފާނު ސްކޫލަށާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ސީވޯލް ޓެޓްރާޕޮޑް މޮނިއުމެންޓަށް މިނިސްޓަރ ހަޔާޝީ ޒިޔާރަތް ކުރައްވާނެކަމަށްވެއެވެ.