ހުޅުމާލެގައި ޖުމުހޫރީ ޕާޓީގެ "ދެކުނު ކެމްޕެއިން އޮފީސް" ހުޅުވައިފިއެވެ.

މި ކެމްޕެއިން އޮފީސް ހުޅުވައިދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހާއްސަ މަންދޫބު އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރ، ކުރީގެ އެމްޕީ އިލްހާމް އަހުމަދުއެވެ.

މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ޕާޓީގެ ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވެފައިވެއެެވެ.

ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރިޔާސީ ވައުދުތައް ޕްރޮމޯޓްކޮށް، ތާއީދު އިތުރުކުރުމުގެ މަސައްކަތަށް ގާއިމްކުރި މި ކެމްޕެއިން އޮފީހަކީ ހުޅުމާލެގައި ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް، ވަރުގަދަކުރުމަށް ހުޅުވި އޮފީހެއްކަމަށް ކެމްޕެއިން ވަނީ ބުނެފައެވެ.

އަދި މި އޮފީހުގެ ސަބަބުން ހުޅުމާލެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑަައިގަންނަވާ މެމްބަރުންގެ އަދަދުވެސް އިތުރުވެގެންދާނެކަމަށްވެސް ބުންޏެެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން މެނޭޖަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމްއެވެ. އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ، އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދެވެ.