މުޅި ދުނިޔެ ކޮވިޑުގެ ހާލަތުގައި އިގުތިސާދީ ހުއްޓުމަކަށް އައިއިރު ރާއްޖެ އިގްތިސާދީ އަނދަވަޅަކުން ސަލާމަތްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމުންކަމަށާއި އެމަނިކުފާނަކީ "ޕްރޫވަން" ޕްރޮޑަކްޓެއް ކަމަށާއި އަދި ކުރިއަށް އޮތީ ރަންޒަމާނެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރައީސް ސާލިހާއެެކު ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކު ސިޓީގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ރައީސް ސާލިހަކީ "ޕްރޫވަން" ޕްރޮޑަކްޓެއް ކަމަށާއި ދުވަހަކުވެސް ގައުމު ނުދެކޭފަދަ ވެރިއެއް ކަމަށާއި ކެތްތެރި ބޭފުޅެއް ކަމަށެވެ.

ދުނިޔޭގައި ކުރިއެރި ކޮންމެ ޤައުމެއް ކުރި އެރީ ޒުވާން ޖީލަކާއެކު ކަމަށާއި އެ އަމާޒަށް ރައީސް ސާލިހު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މުޅި ދުނިޔެ ކޮވިޑުގެ ހާލަތުގައި އޮތްއިރު ގިނަ ގައުމުތަކުގެ އިގްތިސާދު ހުއްޓުނުކަން ފާހަގަ ކުރައްވައި ނައިބުރައީސް ވިދާޅުވީ ދިވެހިރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނަނުދީ ސަލާމަަތްވީ ރައީސް ސާލިހުގެ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ހަނދާންތައް އައު ކުރައްވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ކުރީގެ ސަރުކާރުން ހަމައެކަނި ފުވައްމުލަކުގައި ކުރިއަށް ގެންދެވުނު މަޝްރޫއަކީ ފެނާއި ނަރުދަމާ ނިޒާމު ކަމަށް ވިދާޅުވިއެވެ. ރައްޔިތުން ވެރިއަކު އައްޔަން ކުރަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް އަމާންކަން ގާއިމުކުރުމަށް ކަން ފާހަގަ ކުރައްވައި ނައިބުރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ގިނަ ރަށްތަކުގައި އެންމެ އަސާސީ ހިދުމަތްތައް ވެސް ލިބެންނެތް ކަމަށެވެ.

އަދި މިހާރު ރައީސްސާލިހުގެ ވެރިކަމުގެ މިއަހަރުތަކުގައި ކޮންމެ ރަށަކަށް ބަލާލިޔަސް ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފެންނަކަމަށެވެ. ކޮންމެ ހިޔާލަކާއި ފިކުރެއްގެ މީހަކަށް ވިޔަސް ސަރުކާރުން އެ ރަށަކަށް ކޮށްދޭ މަޝްރޫއުތައް ބަލައިގަންނަން ޖެހޭ ކަން ހާމަކުރައްވައި އެކަންތައްތައް ގަބޫލު ކުރަން ޖެހޭ ކަމަށްވެސް ފައިސަލްނަސީމު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ސީޓީ ސްކޭންގެ ހިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ކުރިއަށް އޮތް ދައުރުގައި ފުވައްމުލަކު ސިޓީގައި ސިޓީ ހޮޓަލެއް ތަރައްގީ ކޮށްދެއްވާނެކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ. އަދި އެވައުދު ވެވެވަޑައިގަންނަވަނީ އެމަނިކުފާނު ކަމަށާއި އެކަމުގައި އެއްވެސް ސުވާލެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތީ ރަން ޒަމާނެއް ކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ގަދަ ކަނޑެއްގައި ރައީސް ސާލިހާއެކު ދަތުރުފުޅު ކުރައްވަންޖެހިވަޑައިގަތަސް އިހްލާސްތެރިކަމާއެކު ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވަނީ މިޖަލްސާގައި ވިދާޅުވެފައެވެ.