ޖިއްދާ (ޖުލައި 31) - ހުޅަނގުގެ ސްޓޭޓްތަކަށާއި އިންޑިއާ އާއި ބްރެޒިލް ހިމެނޭ ގޮތަށް ތަރައްގީވަމުން އަންނަ ބޮޑެތި ގައުމުތަކަށް ދައުވަތުދީގެން ސައުދީ އަރަބިއްޔާއިން އޮގަސްޓް މަހުގެ ފަސް އަދި ހަ ވަނަ ދުވަހު ޔޫކްރޭންގެ ސުލްހައިގެ މަޝްވަރާތައް ބާއްވަން ނިންމާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ހޮނިހިރު ދުވަހު ބުނެފި އެވެ.
މި ބައްދަލުވުމުގައި އިންޑޮނޭޝިއާ، މިސްރު، މެކްސިކޯ، ޗިލީ އަދި ޒެމްބިއާ ހިމެނޭ ގޮތަށް 30 ގައުމެއްގެ އިސް އޮފިޝަލުން އޮގަސްޓް މަހުގެ 5-6 އަށް ޖިއްދާއަށް ވަޑައިގަންނަވާނެ ކަމަށް އެ މަޝްވަރާގައި ބައިވެރިވަޑައިގަންނަވާ ޑިޕްލޮމެޓުންނާ ހަވާލާދީ ރިޕޯޓުގައިވެ އެވެ.
ޔޫކްރޭނާއި ހުޅަނގުގެ އޮފިޝަލުން އުންމީދުކުރާ ގޮތުގައި މި މަޝްވަރާތަކުގެ ސަބަބުން ޔޫކްރޭނަށް ފައިދާހުރި ސުލްހައިގެ ޝަރުތުތަކަށް ބައިނަލްއަގްވާމީ ތާއީދު ލިބިދާނެ ކަމަށް ވެސް ވަރލްޑް ޖާނަލްއިން ބުނެ އެވެ.
ދައުވަތު ލިބުނު ގައުމުތަކުގެ ތެރެއިން ހާޒިރުވާނީ ކިތައް ގައުމުކަން އަދި ސާފެއް ނުވި ނަމަވެސް، މިދިޔަ ޖޫން މަހު ކޮޕަންހޭގަންގައި ބޭއްވި މިފަދަ ބުރެއްގައި ބައިވެރިވި ގައުމުތަކުން އަނެއްކާވެސް ބައިވެރިވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
އިނގިރޭސިވިލާތާއި ދެކުނު އެފްރިކާއާއި ޕޮލެންޑް އަދި އީޔޫއިން ބައިވެރިވާނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ވަރލްޑް ޖާނަލްއިން ބުނެއެވެ. މީގެ އިތުރުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ވަރލްޑް ޖާނަލްގައި ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާއިން ޔޫކްރައިން-ރަޝިޔާ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ބޭއްވުމަށް މަސައްކަތް ފަށާފައި މިވަނީ ފާއިތުވެދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި އެމެރިކާ އާއި ރަޝިޔާ އާއި ޔޫކްރައިން އަދި ޗައިނާ އާއި އިނގިރޭސިވިލާތާއި އިންޑިޔާގެ އިތުރުން އެފްރިކާގެ ގިނަ ގައުމުތަކެއްގެ އިސް އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަކަށްފަހުއެވެ.