ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވޭތުވެ ދިޔަ ދެމަހެއްހާ ދުވަސްތެރޭގައި އެންމެ ބޭނުންފުޅުވެވަޑައިގެންނެވީ އެމަނިކުފާނުގެ މަންމާފުޅާ ބައްދަލުކޮށްލެއްވުން އަބްދުالله ސިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު ޓުވީޓެެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވޭތުވެދިޔަ ދެމަހެއްހާ ދުވަސްތެރޭގައި އެންމެބޮޑަށް އެދިވަޑައިގެންނެވި ހަމައެކަނި ކަމަކީ ޝަރީއަތުގެ މަރުޙަލާތައް އަވަހަށްނިމި، ޖަލުން މިނިވަންވެވަޑައިގެން މަންމާފުޅާ ބައްދަލުވެވަޑައިގެންނެވުން ކަމުގައެވެ.

އެހެންނަމަވެސް ޝަރުއީ ނިޒާމުގައި ހުރި ލަސްކަމުގެ ސަބަބުން މަންމާފުޅު އަވަހާރަ ވީއިރުވެސް އެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައި ނުގެންނެވިކަމަށްވެސް ސިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސްޔާމީންގެ މިއުންމީދުފުޅު މިގޮތަށް އޮއްވައި އެމަނިކުފާނުގެ މަންމާފުޅު، މަންމާފުޅު ފާތުމަތު ހަސަން ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައި ވަނީ އަވަހާރަވެފައެވެ.

ރައީސްޔާމީންގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ގިނަ ބައެއް އަންނަނީ ރައީސް ޔާމީނަށާއި އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި، ރައީސްޔާމީން ގެންދަވަނީ އެގާރަ އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މިމައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާއިރު ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގެންނެވުމުން އެ މައްސަލަ ވަނީ ކޯޓުގައި ތާށިވެ ކުރިއަށް ނުގޮސް ހުއްޓިފައެވެ.