ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު ފާތުމަތު ހަސަންގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ލަންކާގެ ޖާވަތަޖުމްމަ މަސްޖިދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްޔާމީންގެ މަންމާފުޅު އުމުރުން 86 އަހަރުގައި ފާތިމަތު ހަސަން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކަކަށްފަހުގައެވެ. އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ޤައްޔޫމް އަރިހުގައި ސްރީލަންކާގައެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާނަމާދަށްފަހު ސްރީލަންކާގެ ޖާވަތަ ޖުމްމަ މަސްޖިދުގައެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާ މިރޭ ބާއްވާއިރު، އެމަނިކުފާނަށް މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަނެވޭނެ ކަމުގެ އުންމީދުކުޑަވެފައިވާ މިދަނޑިވަޅުގައި މޯލްޑިވްސް ކަރެކްޝަންސް އިން ބުނީ އާންމު އުސޫލެއްގެ ގޮތުން ރާއްޖޭގައި ގައިދީއެއްގެ އާއިލާ ބޭފުޅެއް ނިޔާވެއްޖެނަމަ ޖަނާޒާގައި ބައިވެެރިވުމުގެ ފުރުސަތު ދޭކަމަށެވެ. އެހެންނަމަވެސް ރައީސްޔާމީންގެ މަންމާފުޅުގެޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގެންފައިނުވާކަމަށްވެސް ކަރެކްޝަންސްއިން ހާމަކޮށްފައިވެއެވެ.
ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ރައީސް ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީޢަތުގެ މަރުހަލާތައް އަވަހަށް ނިމި، ޖަލު ހުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލު ކޮށްލެވޭނެ ގޮތެއް ވުން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒު ވަނީ ޓުވީޓެއްގައި ވިދާޅުވެފައެެވެ. އަދި އިދިކޮޅު ޕީޕީއެމުން ވަނީ ރައީސްޔާމީންގެ ހިތާމަފުޅުގައި ބައިވެރިވެ ތައުޒިޔާ ކިޔުމަށް ބަޔާނެއް ނެރެފައެވެ.