އުމުރުން 90 އަހަރުގައިވެސް ކައިވެނި ކުރަން ޖެހުނީ އިތުރު ދަރިން ބޭނުންވާތީ، އެކަމަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ކަމަށް ސައުދީގެ މީޑިޔާގެ ސަމާލުކަން މިވަގުތު ވަރަށް ބޮޑަށް ހުއްޓިފައިވާ ނާސިރު ބިން އަލް އޮތައިބީ ބުނެފިއެވެ.

ސައުދީގެ މީޑިޔާގެ ސަމާލުކަން އޮތައިބީއަށް ހުއްޓުނީ އޭނާގެ އުއްމީދުތަކުގައި އާއިލާއިން ކުލަ ޖައްސައި ދިނުމަށްފަހު، މަންޒަރުތަކުގެ އުފާވެރި ކުލަ ތަސްވީރުތައް ކާފަ ދަރިޔަކު މީސްމީޑިޔާއަށް ދޫކޮށްލުމުންނެވެ.

އޮތައިބީ މީގެ ކުރިން 4 މީހުންނާއި ކައިވެނިކޮށްގެން 4 ހަތަރު ދަރިން ލިބުނެވެ. މީގެ ތެރެއިން އެއްކުއްޖަކު މަރުވީއެވެ. އެކަމަކު އޮތައިބީގެ އަނބިން މިވަގުތު ތިބި އަދަދާއި ކާފަ ދަރިން ތިބި އަދަދު ސައުދީ މީޑިޔާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އޮތައިބީ ބުނީ އޭނާއަށް 90 އަހަރުވިޔަސް އަނބިމީހާ ގޮވައިގެން އުފަލުގައި އުޅެން އޭނާއަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި މިވަގުތު އޭނާގެ ވިސްނުން ހުސްކޮށްގެން ހުރީ ހަނީމޫނަށް ކަމަށެވެ.

އޮތައިބީގެ ހަޔާތުގެ 5 ވަނަ ބައިވެރިޔާގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ސައުދީ މީޑިޔާތަކުން ތިލަ ކޮށްފައެއް ނުވެއެވެ.

"ފަހަރުގައި އަދި މިއީ އަހަރެންގެ އެންމެ ފަހު ކައިވެންޏެއްވެސް ނޫން" މަޖާޒީ ގޮތަކަށް އޮތައިބީ ބުންޏެވެ.

އޮތައިބީ ބުނީ ފުރިހަމަ ސިއްހަތެއްގައި ދިގު އުމުރެއް އޭނާއަށް ހޭދަކުރެވުމުގެ އެއްސިއްރަކީ އުފާވެރި ކައިވެނިތަކެއް މަތީ ދެމިހުރެވުމުން ކަމަށް ވެދާނެ ކަމަށެވެ.

"ކައިވެނިތަކުގެ ސަބަބުން އަހަރެންގެ ނަފްސަށް ދިރުން ލިބުނު. ނަފްސަށް ފަރުވާ ލިބުނު" އޮތައިބީއާ ހަވާލާދީ ސައުދީ މީޑިޔާތަކުން ބުނެފައިވެއެވެ.

އޮތައިބީ ވަނީ ޒުވާނުންނަށް ޚާއްސަ މެސެޖެއްވެސް ދީފައެވެ. "ކައިވެނި ކުރަންވީ ދުނިޔޭގެ އުފާތައް ހޯދުމާއެކު ތިބާ އާއި ތިބާގެ އަނބިމީހާގެ ދީން ރައްކާތެރިކޮށްދީ ހިމާޔަތް ކުރުމަށް" ހަނީމޫނަށް ތައްޔާރު ވަމުން އަންނަ އޮތައިބީ ބުންޏެވެ.