ށ ފުނަދޫ ފަޅުގައި އޮތް ފަރުކޮޅުގައި ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް ތަރަައްގީގެ މަޝްރޫއުތައް ހިންގުމާއި ސްކޫލަށް ކްލާސްރޫމްތައް އިތުރުކޮށްދިނުމާއި ފަންސާސް އެނދުގެ އައު ހޮސްޕިޓަލެއް އަޅުއްވައިދެއްވުމުގެ އިތުރަށްވެސް މިދައުރުގައި ފުނަދޫއަށް ކޮށްދެއްވާނެ އެތައް ކަންތައްތަކަކަށް އެރަށުގެ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ފުވައްމުލަކަށް އިއްޔެ ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސާލިހު މިއަދު ސީދާ ވަޑައިގަތީ ށ ފުނަދޫއަށެވެ. ފުނަދޫއަށް ވަޑައިގެން އެރަށުގެ ފުޓްބޯޅަ ދަނޑުގައި ރައީސްސާލިހު ޖެއްސެވި ޕެނަލްޓީއަކުން ރަށުގެ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު، ވަޑައިގެންނެވީ ބަނދަރުމަތީ ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށެވެ.

ވެރިކަމުގެ ދެވަނަ ދައުރެއްގައި ވެސް ފުރަތަމަ ދައުރެކޭ އެއްގޮތަށް ފުނަދޫގައި ތަފާތު ކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ފުނަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް ފުދި, އެހެން ވައުދުތައް ފުއްދަން ފަށްޓަވާފައިވާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ފުނަދޫއަކީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދު ކުރި ރަށެެއްކަމަށެވެ. ކުރީ ސަރުކާރުތަކުން ތަރުތީބެއް ނެތި ފުނަދޫގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ސަބަބުން އިތުރު މަޝްރޫއުތައް ހިންގަން ހަރަދު ބޮޑުވެފައިވާކަން ފާހަގަ ކުރައްވައި ރައީސްސާލިހު ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ފުނަދޫއަށް ވެވަޑައިގަންނަވާ އެ ވައުދުތައް މި ފަހަރުގެ މެނިފެސްޓޯގައި ހިމަނާނެކަމަށެވެ.

ރައީސް ސާލިހު ފުނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި

  • ފެނުގެ ނިޒާމުގެ މަސައްކަތް ގާއިމުކޮށްދިނުން
  • ފެނުގެ ނިޒާމުގާއިމުކޮށް ނިމުމާއެކު، މިހާރު ނުނިމި ހުރި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
  • ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލު ކުރުމަށް ރޯ ހައުސް އަޅައިދިނުން
  • ސްކޫލަށް ފަނަރަ ކްލާސްރޫމް އިތުރުކޮށް ދިނުން
  • ފަރުކޮޅުގައި ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް ތަރަައްގީގެ މަޝްރޫއުތައް ހިންގުން
  • މަސްވެރިންނަށް ހެޔޮ އަގުގައި އައިސް ލިބޭ ގޮތަށް ރަށުގެ ބަނދަތުގައި އައިސް ޕްލާންޓެއް ބެހެއްޓުން
  • ފަންސާސް އެނދުގެ އައު ހޮސްޕިޓަލެއް އަޅުއްވައިދެއްވުން

އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމި، އަނެއް ބައި މަސައްކަތްތައް ކުންފުނިތަކާ ހަވާލުކޮށްފައި ވާއިރު، މި ހިނގާ ދައުރު ނިމުމުގެ ކުރިން އެ ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފަސް އަހަރު ތަޖުރިބާ ކޮށްފިން. އެހެންވީމާ، ވިސްނަވަންވީ މި އޮތް ތަރައްގީއާ އެކު ކުރިއަށްދާނީތޯ؟ ތިޔަބޭފުޅުން ނިންމަވާ ނިންމެވުން އެއީ ރާއްޖޭގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް،"

ރައީސްސާލިހު ވިދާޅުވީ ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ޖެހޭނީ ވަރަށް ވިސްނައިގެންކަމަށެވެ. ޕާޓީތަކުން ވައުދުތައް ވަމުންދިޔަނަމަވެސް އެވައުދުތައް ފުއްދާނިތޯ ނޫނީ ކުރިންވެސް ފެނިފައިވާ އަނިޔާވެރި ކަމަށް އެނބުރި ދާނީތޯ މިއީ ވިސްނާލަން ޖެހޭ ކަންކަން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.