ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ/ ހުސައިން ހުމާމް އަހުމަދު، އޭނާއަށް ކޮށްފައިވާ މަރުގެ ހުކުމްގެ ރިވިއު ސްޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފިއެވެ.
އަފްރާޝީމް އަވަހާރަ ކޮށްލުމަށް ބައިވެރިވި ހުމާމް މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ.
ނަމަވެސް އެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވަނީ މައްސަލަ ހުށަހެޅިތާ އެއްއަހަރު ފަހުން ސެޕްޓެންބަރު 2015 ގައެވެ.އަދި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ 2016 ޖޫން 24 ގައެވެ.
މި މައްސަލަ ހުމާމްގެ ފަރާތުން ރިވިއު ކުރުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހެޅީ، މިއަހަރުގެ އޭޕްރީލް މަހުގެ 24 ގައެވެ.ނަމަވެސް ސުޕްރީމު ކޯޓުގެ ރަޖިސްޓްރާ އިން ވަނީ ރިވިއު ބަލައިނުގަތުމަށް ނިންމާފައެވެ.
ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައެވެ.