ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ށ ޅައިމަގަށް އެތައް ގިނަގުނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ސިއްހީ މަރުކަޒުގެ މަސައްކަތް ސައްވީސްގަޑިއިރަށް ބަދަލުކޮށްދެއްވުމާއި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯއްދަވައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދުސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރައްވާ "އުފާވެރިއަމާންރާއްޖެ" ކެމްޕޭން ދަތުރުފުޅުގައި ށ ޅައިމަގަށް ވަޑައިގެން އެރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިކަމަށް ވާނަމަ ށ ޅައިމަގު ކައުންސިލް އިދާރާގެ އާ އިމާރާތެއްގެ މަސައްކަތާއި ރަށުގެ ކުނިކޮށި ގާއިމު ކުރުމާއި ރޯހައުސް ގާއިމު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވާކަމަށެވެ. އަދި ޅައިމަގުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމާއި ސިއްހީ މަރުކަޒުގެ މަސައްކަތް ސައުވީސްގަޑި އިރަށް ބަދަލުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނީ ފެންވަރަށް ޅައިމަގުގެ މަގުތައް ތަރައްގީކުރުމަށްވެސް ރައީސް ވައުދުވެވަޑައިގަތެވެ. ނިމިދިޔަ ދައުރުގައި އެ ރަށަށް މުހިންމު މަސައްކަތްތަކެއްކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޅައިމަގުގެ ރައްޔިތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޅައިމަގަށް ވެވަޑައިގެންނެވި ވައުދުތައް ސީދާވަމުންއަންނަތަން ފެނިވަޑައިގެންނެވުމުގެ އުފާ އިހުސާސްކުރައްވާކަމަށް ހާމަކުރައްވަމުން ރައީސްސާލިހު ވިދާޅުވީ ޅައިމަގު ރައްޔިތުން މި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބޮޑުތަނުން އާއެކޭ ބުނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.