ބްރެޒިލްގައި ސިރިންޖް އުފައްދާ ކުންފުނިތަކުން ކުއްލިއަކަށް ސިރިންޖުގެ އަގު ބޮޑުކުރުމުން އެގައުމުގެ ރައީސް ޖައިރް ބޮލްސޮނާރޯ ކުންފުނިތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ބްރެޒިލްގެ ކުންފުނިތަކުން ސިރިންޖުގެ އަގު ކުއްލިއަކަށް ބޮޑުކުރީ، ސިރިންޖު ގަންނަން ބްރެޒިލް ސަރުކާރުގެ ހެލްތު މިނިސްޓްރީން ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެންނެވެ.

ބްރެޒިލް ސަރުކާރުގެ ހެލްތު މިނިސްޓްރީން ސިރިންޖް ގަންނަން ޝައުގުވެރިކަން ފާޅުކުރީ، ނީލަން މެދުވެރިކޮށް އެތައްމިލިއަން ސިރިންޖު ގަތުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އޮންލައިން އޮކްޝަނެއް މެދުވެރިކޮށް 331 މިލިއަން ސިރިންޖް ގަތުމަށް ކުރި މަސައްކަތުގައި ބްރެޒިލް ސަރުކާރަށް ގަނެވުނީ އެންމެ 8 މިލިއަން ސިރިންޖެވެ.

ސަރުކާރުން މިކަން ހާމަކުރުމާއެކު، ސިރިންޖު އުފައްދާ ކުންފުނިތަކުން ކުއްލިއަކަށް އޭގެ އަގު ބޮޑުކުރުމުން ބްރެޒިލްގެ ރައީސް ބޮލްސޮނާރޯވަނީ ކުންފުނިތަކަށް ނުރުހުން ފާޅުކުރައްވާފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ބްރެޒިލްގެ ރައީސް ވިދާޅުވީ، ކުންފުނިތަކުން ކުރިން ސިރިންޖު ވިއްކި އަގަށް އަގުތައް ތިރި ނުވަނީސް ސިރިންޖު ނުގަތުމަށް މިހާރު ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ބްރެޒިލްގައި ސިރިންޖު އުފައްދާ މައި 3 ކުންފުނީގެ ވެރިން އަންގާރަދުވަހުވަނީ، ރައީސް ބޮލްސޮނާރޯއާ ބައްދަލުވެސް ކުރައްވާފައެވެ.

އަދި ބްރެޒިލްގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ބޭނުންވާ ސިރިންޖުގެ ތެރެއިން ކޮންމެ ކުންފުންޏަކުން 10 މިލިއަން ސިރިންޖާއި އޭގެ ކަށި ފޯރުކޮށްދިނުމަށްވަނީ އެއްބަސްވެފައެވެ.

ހުސްވި އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ބްރެޒިލް ސަރުކާރުގެ ހެލްތު މިނިސްޓްރީން ހުޅުވާލި ޓެންޑަރުގައި ހުށަހަޅާފައިވަނީ ސިރިންޖެއް، ބްރެޒިލްގެ 13 ރުފިޔާ މަގުން ގަތުމަށެވެ. ނަމަވެސް، ސިރިންޖު އުފައްދާ ކުންފުނިތަކުން ބޭނުންވަނީ 22 ރުފިޔާއާއި 48 ރުފިޔާއާ ދެމެދުގެ އަގަކަށް ވިއްކުމަށެވެ.

ސިރިންޖާއި އޭގެ ކަށި ފޯރުކޮށްދޭން ކުންފުނިތަކުން އެއްބަސްވި ނަމަވެސް، ސިރިންޖުގެ އަގާމެދު ސަރުކާރާއި ކުންފުނިތައް އެއްބަސްވުމަކަށް ނާދެއެވެ.

ބްރެޒިލް ސަރުކާރުގެ މެޑިކަލް ސަޕްލައި އެންޑް އިކްއިޕްމަންޓްސް ގްރޫޕްގެ ވެރިޔާ ޕައުލޯ އެންރީކޭ ފްރެކާރޯ ވިދާޅުވީ، ސިރިންޖު ގަތުމަށް ދެވަނަ ޓެންޑަރެއް ހުޅުވާލަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ބާޒާރުގެ އަގުތަކަށް ސިރިންޖުގެ އަގުތައް ފައްތަން ވެސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ބްރެޒިލްއަކީ، އެމެރިކާ ފިޔަވައި ކޮވިޑް-19 ބަލީގައި އެންމެ ގިނަމީހުން މަރުވެފައިވާ ގައުމެވެ. އަދި ދުނިޔޭގައި ބަލީގެ ހާލަތު ތިންވަނައަށް އެންމެ ގޯސްވެފައިވާ ގައުމުވެސް މެއެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވީ، ވެކްސިން ދޭން ފެށުމަށް ބޭނުންވާ ވެކްސިން މިހާރު ސްޓޭޓްތަކަށް އެކަށީގެންވާ ވަރަށް ލިބިފައިވާ ކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ވެކްސިންދޭން ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.