އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ވެރިރަށުގައި ހުންނަ ކޮންގްރެސް އިމާތަށް ވަދެގެންފިއެވެ.

ކޮންގްރެސް އިމާރާތުގެ ތެރެއަށް ބައެއްމީހުން ވަދެ އެތެރޭގައި ތިބިއިރު، އިމާރާތުގެ ބޭރު އެމީހުން އެއްކޮށްވަނީ ފުރާލާފައެވެ. އަދި އިމާރާތް ކައިރީގައި ހުންނަ މަގުތަކަށްވެސް އެމީހުންވަނީ ހިސާރުކޮށްފައެވެ.

ކޮންގްރެސް އިމާރާތުގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަންނަން އުޅުމުގެ ތެރޭގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން އެކަކު ޒަހަމްވެފައިވާ ކަމަށް ހަބަރު ލިބެއެވެ. އަދި ސަލާމަތީ އޮފިޝަލުންގެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަތީ، އެމެރިކާ ކޮންގްރެސްގެ މަތިގެ ސެނޭޓާއި، ދަށުގެ ހައުސްގެ މެމްބަރުން ރިޔާސީ އިންތިޚާބުގެ ނަތީޖާގެ އެންމެފަހުގެ މަރްހަލާގެ މަސައްކަތް ކުރައްވަން ޖަލްސާގައި ތިއްބަވަނިކޮށެވެ.

މީހުން ވަދެގަތުމުން ޖަލްސާ ހުއްޓާލައި، މެމްބަރުންވަނީ ހިމާޔަތް ހޯއްދަވާފައެވެ.

މީޑިއާއިން ގެންދަނީ، ޓްރަމްޕްގެ ސަޕޯޓަރުން ސަލާމަތީ ރޮނގު ހުރަސްކޮށް ކޮންގްރެސް އިމާރާތަށް ވަދެގަތްއިރު، އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރީ ކީއްވެގެން ކަމާމެދު ސުވާލު ކުރަމުންނެވެ.

އެންމެފަހުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާގެ ނޭޝަނަލް ގާޑުން ރަޔަޓް ގިޔަރުގައި މިހާރުދަނީ، ކޮންގްރެސް އިމާރާތް ހުރި ސަރަހައްދަށް ދަތުރުކުރަމުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ އެތެރެއިން އެތައްބައެއްގެ ނުރުހުން ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުވަމުން ދާއިރު، ހަމަނުޖެހުން ވަގުތުން ހުއްޓާލަން ޓްރަމްޕް މިހާރުވަނީ ގޮވާލައްވާފައެވެ.

އަދި އެމެރިކާގެ ސިޔާސީ މައިދާނުގެ ފުންނާބުއުސް އެތައް ބަޔަކު ގެންދަނީ ހަމަނުޖެހުންތައް ހުއްޓާލައި ކޮންގްރެސް އިމާރާތް ހުރި ސަރަހައްދުން ދުރަށް ދިއުމަށް ޓްރަމްޕްގެ ސަޕޯޓަރުންނަށް ގޮވާލައްވަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަލާމަތީ ބާރުތަކުން މިހާރު ތައްޔާރުވަމުންދަނީ އެމެރިކާގެ ވެރިރަށުގައި ކާފިއު ހިންގުމަށެވެ.