ށ.ފީވަކު ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ބަނދަރު ހުޅުއްވައިދެއްވާފައިވަނީ މިއަދު އެރަށުގައި ބަނދަރު ހުޅުއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި މަސައްކަތަކީ 67.6 މިލިއަން ރުފިޔާއަށް2019 ވަނަ އަހަރުގެ ޖުލައި މަހުގައި އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ހަވާލުކުރީ 390 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 40،420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14،743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އަދި 356 މީޓަރުގެ ބޭރުތޮށި ލުމާއި 182 މީޓަރުގެ ރިވެޓްމެންޓާއި 27 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.