އިންޑިއާގެ އުތުރުގެ ހަރިޔާނާ ސްޓޭޓުގައި ހިންދޫ ގައުމިއްޔަތުގެވެރި ޖަމާއަތްތަކުން ބޭއްވި ހިނގާލުމަކަށް ފަހު ހިނގި ދީނީ ހަމަނުޖެހުންތަކުގައި މިސްކިތެއްގައި ރޯކޮށް، މިސްކިތުގެ އިމާމުގެ އިތުރުން ހަތަރު މީހަކު މަރާލައިފިއެވެ. އެ ސްޓޭޓްގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް އެހީތެރިވެދޭ ދެ "ހޯމް ގާޑުން" ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒަހަމްވި މީހުންގެ ތެރޭގައި ބައެއް ފުލުހުންވެސް ހިމެނެއެވެ. އެމީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ހަމަނުޖެހުން ހިނގި ނޫހް އަވަށުގައި މިހާރު ވަނީ ކާފިއު އިއުލާނުކޮށްފައެވެ. ސްޓޭޓް ސަރުކާރުން ވަނީ "ވަރަށް ބޮޑަށް ފިތުނަ ފަސާދަ" އުފެދި، ފުރާނައަށާއި މުދަލަށް ނުރައްކާވެދާނެ ކަމަށް ބުނެ އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލާފައެވެ.

މިދިޔަ ހޯމަ ދުވަހުގެ މެންދުރު ފަހު ހަމަނުޖެހުންތައް ހިނގާފައި ވަނީ ބަޖްރަންގް ދާލާއި ވިޝްވާ ހިންދޫ ޕަރިޝަދު ގުޅިގެން ބޭއްވި ހިނގާލުމެއްގެ ތެރެއިންނެވެ. ހަމަނުޖެހުންތަކުގައި ވަނީ އާންމުންގެ ކާރުތަކުގައި ރޯކޮށް، ފިހާރަތަކަށް ގެއްލުން ދީފައެވެ.

މި ހިނގާލުމުގައި ބައިވެރިވުމަށް އެ އަވަށަށް ދިޔަ ދެހާހަށް ވުރެ ގިނަ މީހުން ވަނީ ހަމަނުޖެހުންތައް އިތުރުވުމާއެކު އެ ރަށުގައި ތާށިވެ އެތައް އިރެއްވީ ފަހުން ފުލުހުން ވަނީ އެމީހުން އެތަނުން ސަލާމަތްކޮށްފައެވެ.

އެތައް ގަޑިއިރެއް ވަންދެން ކުރިއަށް ދިޔަ މި ހަމަނުޖެހުން ވެރިރަށް ދިއްލީގެ ބޭރުގައި އޮންނަ އަވަށްޓެރި ސަރަހައްދު ކަމަށްވާ ފަރީދްއާބާދާއި ޕަލްވާލް އަދި ގުރޫގްރާމް (ކުރިން ގުރުގާން) އަވަށަށް ފެތުރިގެންދިއުމާއެކު ގުރޫގްރާމްގައި ގިނަ ބަޔަކު އެއްވެ ތިބި މިސްކިތެއްގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ މިސްކިތަށް ހަމަލާދިން އިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ހަމަނުޖެހުން ހިންގި މީހުން ކޮންޓްރޯލް ނުކުރެވުނު ކަމަށް ގުރުގުރާމްގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު (އީސްޓް) ނިތީޝް އަގަރްވާލް ވިދާޅުވި އެވެ.

އަވަށްޓެރި އިންޑިއާގައި މުސްލިމުންނާއި ހިންދޫންގެ ދެމެދުގެ ހަމަނުޖެހުންތަކަކީ ޒަމާނުއްސަރެ ދިގުލައިގެން އައިސްފައިވާ ބޮޑު މައްސަލައެވެ. މި މައްސަލަތަކުގެ މައިގަނޑު ފެށުން އައީ އިނގިރޭސިވެރިންގެ ކޮންޓްރޯލާއި ބާރު ދެމެހެއްޓުމަށް މުސްލިމުންނާއި ހިންދޫން ބޭނުންކޮށް އެދެމެދުގައި އުފެއްދި ޚިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ. 1947ގައި އިންޑިޔާ ބައިބައިވެ ޕާކިސްތާނާއި އިންޑިޔާ ވަކިދެގައުމަކަށް ބަދަލުކުރި ހިސާބުން ވަނީ ނުނިވޭނޭފަދަ އަލިފާންގަނޑެއް ރޯކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅުވެސް އިންޑިއާގެ ނިއުދިއްލީގެ މިސްކިތެއްގައި ވަނީ ރޯކޮށް އަންދާފައެވެ.