ކޮވިޑަށް ފަރުވާދެނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ އަވަހާރަވެއްޖެއެވެ.

މުޖުތާޒުގެ ކޮށްކޮ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އަވަހާރަވީ ރޭ 2:00 ގައި ކަމަށެވެ.

ހައިރިސްކު ބޭފުޅަކަށް ވާތީ މުޖުތާޒަށް ފަރުވާދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

އުމުރުން 61 އަހަރުގެ މުޖުތާޒަށް ކޮވިޑް ޖެހުނުކަން އެނގުނީ ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށް ހުން އަންނާތީ މި މަހުގެ ތިން ވަނަ ދުވަހު ޓެސްޓުކުރުމުންނެވެ. އެއާއެކު ލ. ގަން ކޮވިޑް ފެސިލިޓީގައި ވަގުތުން ފަރުވާދޭން ފެށިއެވެ. އެއަށްފަހު މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އޭނާ އަކީ ދިގު މުއްދަތެއް ވަންދެން ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެންމެ ފަހުން އަދާކުރެއްވީ އިންތިގާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމެވެ.