އެމެރިކާ އާއި އިނގިރޭސިންގެ އެހީގައި އިޒްރޭލުން ހިފާފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި 20 އަހަރުގެ ޒުވާނަކަށް އިޒްރޭލު ފުލުހުން އިއްޔެ ބަޑިން ހަމަލާދީ ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފައި ވަނީ އިޒްރޭލުން ޝަހީދު ކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ އަޒާރިޔާ އަވަށަށް ނިސްބަތްވާ މޮހައްނަދު އަލް މަޒްރާ ކިޔާ ޒުވާނެއް ކަމަށެވެ. އިޒްރޭލުގެ ހައްދު ފަހަނައެޅި ފުލުހުން މަޒްރާ ޝަހީދު ކޮށްލީ ޝޮޕިން މޯލެއްގެ ބޭރުގައި ހުއްޓާ ކަމަށް ފަލަސްތީނުގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އަލް ޖަޒީރާގެ ރިޕޯޓަރު ލައުރާ ޚާން ބުނެފައި ވަނީ މަޒްރާއަށް ހަމަލާދިނީ އާދައިގެ ހެދުމުގައި ހުރި އިޒްރޭލު ފުލުހެއް ކަމަށެވެ. އަދި އުފުލުސް މީހާ ބަޑި ޖަހަމުން ގެންދިޔައީ ތަނެއް ދޮރެއް ބެލުމެއް ނެތި ހިތު ހުރި ދިމާއަކަށް ކަމަށްވެސް ލައުރާއާ ހަވާލާދީ އަލް ޖަޒީރާއިން ބުނެއެވެ.
ފަލަސްތީނާއި އިޒްރޭލާއި ދެމެދު މިފަހުން ގިނަ ހަމަނުޖެހުންތަކެއް ހިނގަމުން މިދަނީ ހުޅަނގު އައްސޭރީގައި ދިރިއުޅުމުންދާ ފަލަސްތީނުގެ ވަޒަންވެރިން އެބިމުން ނެރެ ޔަހޫދީން އެބިމުގައި ވަޒަން ވެރިކުރުވުމަށް ހައްދު ފަހަނައަޅާފައިވާ އިޒްރޭލުގެ ސަރުކާރުން މަސައްކަތް ކުރަމުން ދިޔުމާއި ހުޅަނގު އައްސޭރީގައި ދިރިއުޅުމުންދާ ފަލަސްތީނުގެ ރައްޔިތުން އެކަހެރިކޮށް ބިކަކޮށްލުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާތީއެވެ.