ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށް، އީވާއަށް ބިރު ދެއްކި މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުންކަމަށް ފުލުހުން ހާމަކުރެއެވެ.

މިރޭ 22:34 ހާއިރު އެމީހާ ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

"ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުން ކޮށްގެން އީވާ އަބްދުﷲއަށް ބިރު ދައްކާ މައްސަލައިގައި، ތުހުމަތު ކުރެވޭ މީހަކު މިރޭ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފައި،" ފުލުހުން ބުންޏެވެ.

ޓްވިޓާގައި ހަދާފައިވާ ވަގު އެކައުންޓަކުން އީވާ އާއި ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ތަކުރާރުކޮށް ޓްވީޓްކޮށް،އީވާގެ 18 އަހަރު ނުވާ ދަރިފުޅުގެ ފޮޓޯ ލައި ޒާތީ ގޮތުން ވަނީ ދިމާކޮށްފައެވެ. މިދިޔަމަހު 20 ވަނަދުވަހު ކުރެއްވި ޓްވީޓެއްގައި ފުލުހުންގެ ސަމާލުކަމަށް މިކަން ގެންނަވައި މައްސަލަ ބަލައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.