ނައިޖާއަށް މިދިޔަ ހަފްތާގައި ގެނައި ބަޣާވާތުގެ އަޑީގައި އޮތީ ރަޝިޔާ ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ރަޝިޔާއިން ކަމަށް ޔޫކްރައިނުން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު ނައިޖާއަށް ބަޣާވާތް ގެނައީ ރައީސް ރައީސް މުހައްމަދު ބަޒޫމްގެ އެންމެ އަރިސް ސިފައިންނެވެ. ފްރާންސްގެ ނުފޫޒުވެސް ވަރަށް ބޮޑަށް އޮންނަ ނައިޖާއަށް މިފަހަރު ގެނައި ބަޣާވާތަކީ މިދިޔަ 3 އަހަރު ތެރޭގައި އެގައުމަށް ގެނައި 7 ވަނަ ގަޣާވާތެވެ.

ނައިޖާއަށް ގެނައި ބަޣާވާތުގެ އަޑީގައި އޮތީ ރަޝިޔާ ކަމަށް ޔޫކްރައިނުން ތުހުމަތު ކޮށްފައިވާއިރު، ރަޝިޔާއިން ގެންދަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފުޅާދާއިރާއެއްގައި ޔޫކްރައިނާ ދެކޮޅަށް ހަނގުރާމައެއް ކުރަމުންނެވެ.

"ރަޝިޔާގެ އުކުޅެއް އެއީ ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ކަންކަމުގެ ފޯކަސް އަނބުރާލުން. ހައިރާންކަން ލިބޭ ގޮތަށް ނައިޖާއަށް ބަޣާވާތެއް ގެނައީވެސް ރަޝިޔާއިން. ބޭނުމަކީ ދުނިޔޭގެ ލޯތައް ނައިޖާއާ ދިމާއަށް އަނބުރާލުމަށްފަހު، ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިންދޭ ހަމަލާތައް ވަރުގަދަ ކުރުން" ޔޫކްރައިނުގެ ރައީސް ވްލަޑިމީރް ޒެލެންސްކީގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މިޚައިލޯ ޕޮޑޮލައިކް ވިދާޅުވިއެވެ.

ނައިޖާއަށް ގެނައި ބަޣާވާތާއި ގުޅިގެން، ނައިޖާގައި ތިބި ޔޫރަޕް ގައުމުތަކުގެ ރައްޔިތުން އެގައުމުން ބޭލުމުގެ މަސައްކަތް ފްރާންސާއި އިޓަލީއިން އިއްޔެ ވަނީ ފަށާފައެވެ.