ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.

މި މައްސަލައިގައި ގޮތެއް ނިންމަން، ސުޕްރީމް ކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންރައީސް ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި ސޮއިކުރެއްވި ފޯމް އީސީ އަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.

އެހެންނަމަވެސް، އިލެކްޝަނުން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޮތީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް (11 އަހަރުގެ ހުކުމް) އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.