ރައްޔިތުން މަޖިލީސް އެކުލަވާފައި އޮތް ގޮތް ބަދަލުކޮށް، ނުކުޅެދޭ މީހުންނަށާއި އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަ ކުރުމަށް ދަ ޑިމޮކްރެޓްސް ޕާޓީން އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ހުށައަޅާފައިވާ ކަމަށާއި އެއިސްލާހަކީ ދަ ޑިމޮކްރެޓްސްގެ "މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތުގެ ދަށުން ހުށައެޅި އިސްލާހުތަކެއް ކަމަށެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މުޅި ރާއްޖެ ތަމްސީލް ކުރެވޭނެ ގޮތަކަށް މެންބަރުން ތިބުމަށް ރައްޔިތުން މަޖިލިސް އެކުލެވިގެންވާގޮތް އިސްލާހު ކުރުމުގެ ބިލް މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މިއީ މަޖިލިސްގެ މެންބަރުން އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް އެޅުއްވި ފިޔަވަޅެއްކަން ފާހަގަކޮށް އިލްޔާސް ލަބީބު ވިދާޅުވީ ޑިމޮކްރެޓްސްއިން މިހާރު ހުށަހަޅުއްވާފައިވަނީ މެންބަރުންގެ އަދަދު 76 އަށް ދަށް ކުރުމަށް ކަމަށެވެ. ސަބަބަކީ މަޖިލީހުގައި ޖުމްލަ 86 މެންބަރުން މިހާރުވެސް އެބަ ތިއްބެވި ކަމަށާއި އަދި އަންނަ ދައުރުގައި އިތުރު ހަ މެންބަރުން އިތުރުވާނެތީކަންވެސް އިލްޔާސްލަބީބު ފާހަގަ ކުރެއްވިއެވެ.

އިލްޔާސް ލަބީބު ވިދާޅުވީ، ޑިމޮކްރެޓްސްޕާޓީން ދެކޭގޮތުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވިޔަ ނުދީ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މަޖިލިސް ބޮޑުވެގެންދާ ކޮންމެ ފަހަރަކު ދައުލަތުގެ ހަރަދު ބޮޑުވެގެންދާ ކަމަށްވެސް އިލްޔާސްލަބީބު ވިދާޅުވިއެވެ..

އަންހެން މެންބަރުން ރައްޔިތުން މަޖިލީހުގައި މަދުކަމަށް އިޝާރާތް ކުރައްވަމުން އިލްޔާސް ލަބީބު ވިދާޅުވީ، އުތުރާއި ހުޅަނގާއި ދެކުނު އަދި މެދު ރާއްޖެތެރޭގެވެސް، ކޮންމެ ދާއިރާއަކުން އަދި ކޮންމެ ސަރަހައްދަކުންވެސް އަންހެން ގޮނޑި ރިޒާވް ކުރަން އަންހެނުންނަށް އެކަނި ކުރިމަތިލައިގެން އިންތިހާބުކުރެވޭ ގޮތަށް އަންހެން ބޭފުޅުންނަށް އަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އިންތިހާބު ކުރެވޭ ދެ ފަރާތަކަށް ތަމްސީލު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ޑިމޮކްރެޓްސްއިން މިއަދު ވަނީ ހުށަހަޅުއްވާފަކަމަށްވެސް އިލްޔާސްލަބީބު ވިދާޅުވިއެވެ.

އިލްޔާސްލަބީބު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ގަޑިޖެހޭ ގޮތާއި މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގާނޫނުގައި ހިމެނުމަށް ވެސް ޑިމޮކްރެޓުން ހުށަހަޅާފައިވާނެކަމަށެވެ. އަދި ހަމައެއާއެކު ދައުރުގެ ތެރޭގައި މެމްބަރަކު ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުކުރާ ދާއިރާއެއްގެ ރައްޔިތުންނަށް ފެނިއްޖެ ހިނދެއްގައި މެމްބަރު ވަކިކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެގޮތެއް ކަނޑައެޅޭފަދަ އިސްލާހެއްވެސް ހުށަހަޅާފައިވާކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

މަޖިލީހަށް މިހުށަހެޅި އިސްލާހާ ބަރުލަމާނީ ނިޒާމަށް ރާއްޖެ ބަދަލުކުރުމާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަންވެސް އިލްޔާސްލަބީބު ވަނީ ފާހަގަކުރައްވާފައެވެ.