72 ވަނަ މިސް ޔުނިވާސްގެ ފިނާލޭ ނޮވެމްބަރު 18 ވަނަ ދުވަހު އެލް ސަލްވަޑޯރުގައި ބޭއްވުމަށް އުންމީދުކުރާ މިމުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން އިއުލާންކޮށްފިއެވެ. ނޮވެމްބަރު މަހު ބާއްވާ މި ހަރަކާތުގައި ނުވަދިހައަށް ވުރެ ގިނަ ގައުމު ތަމްސީލު ކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފަހަރަށް ޕާކިސްތާން މިމުބާރާތުގައި ތަމްސީލު ކުރާނެއެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މި އަހަރުގެ މުބާރާތުގައި މިސްރު ބައިވެރިވާނެ ކަމުގެ ހަބަރުތައްވެސް ދަނީ ފެތުރެމުންނެވެ.

މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް 71 ވަނަ މިސް ޔުނިވާސް މިއަހަރުގެ ޖެނުއަރީމަހު ބާއްވަން ޖެހުނީ ފީފާ ވޯލްޑްކަޕް މިމުބާރާތް ބާއްވާ ތާރީހާ ދިމާވެ މުބާރާތް ފަސްކުރަން ޖެހުމުންނެވެ. 71 ވަނަ މިސްޔުނިވާސް އަކީ "މިސް ބަހްރެއިން"އެވެ. ސްވިމްސޫޓް މުބާރާތަށް އުމުރުން 24 އަހަރުގެ މިސްބަހްރެއިން އިވްލީން އަބްދުﷲ ހަލީފާ ސްޓޭޖްގައި ޕާފޯމް ކުރިއިރު އަރަބި ބަހުން "ހަމަހަމަކަން" މި ލަފުޒު ލިޔެފައިވާ ކެޕްއެއް ލައިގެންނެވެ. އެކެޕްގައި އެއްފަރާތުގައި "އަރަބި އަންހެނުން ތަމްސީލުކުރަން ޖެހޭނެ" ލިޔެފައިވާ ލިޔުމެއް ޖަހާފައިވާއިރު އަނެއް ފަރާތުގައި ލިޔެފައިވަނީ "މުސްލިމް އަންހެނަކަށް މިސް ޔުނިވާސްއަކަށް ވެސް ވެވޭނެ" ކަމަށެވެ.

މިސް ޔުނިވާސްއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ރީތީގެ ރާނީން ބައިވެރިވާ މުބާރާތެކެވެ. މިމުބާރާތުގެ ފިނާލޭއަށް ދެވެނީ ތަފާތު އެކި ބުރުތަކެއްގައި އެކިކަހަލަ ހުށަހެޅުންތަކަކާއި ޓާސްކްތަކެއް ފުރިހަމަކުރުމަށްފަހުގައެވެ. މުބާރާތަކީ ހަމައެކަނި ރީތިކަމަށް ބަލާ ރާނީން ހޮވާ މުބާރާތެއް ނޫނެވެ. މިސްޔުނިވާސް ހޮވުމުގައި ތައުލީމު، ކުށުގެ ރެކޯޑްފަދަ ކިތަންމެ ކިތަންމެ ކަމެއްގެ ޝަރުތުފުރިހަމަ ވާންޖެހެއެވެ.