ރައްޔިތުންނަށް އެތަކެއް ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެންމެ ކުރިއަރައިގެން ގޮސްފައިވާ ފެނަކައިން ދަނީ އެމީހުން ދޭ ހިދުމަތްތަކުގެ އިތުރުން އިޖުތިމާއީ ހިދުމަތްތަކުގައިވެސް ނަމޫނާ ދައްކަމުންނެވެ. ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އިސްކަންދީ، އިޖުތިމާއީ ހިދުމަތްދިނުމުގައި ފެނަކައިން ދައްކަމުން ދަނީ މިސާލެއްނެތްފަދަ ފުރިހަމަ ރީތިނަމޫނާއެކެވެ.

އެކުންފުނީން މިހާތަނަށް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކުންފުނީގެ އޮފީސްތަކާއި އިންޖީނުގެތައް ހުޅުވާފައެވެ. އޭގެއިތުރުން 48 އިންޖީނުގެއެއް ވަނީ އަލަށް ބިނާކޮށް ހުޅުވައިފައެވެ. ސަރުކާރުގެ މިދައުރު ނިމުމުގެ ކުރީން އެ ރަށްރަށަށް އެތަންތަނުން ހިދުމަތް ދެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ފެނަކައިން ކުރާ އިޖުތިމާއިީ މަސައްކަތްތަކަށް ގަލަމަކުން ބަޔާންކުރެވޭވަރަށްވުރެ މާބޮޑަށްވެސް ގިނަގުނަ އެތަކެއް ކަމެއް އެބަހުއްޓެވެ. އޭގެތެރެއިން އެއްކަމަކީ ރޯދަމަހު ބާއްވަމުން އަންނަ ޤުރުއާން މުބާރާތެވެ. މިނިމުނު ރޯދަމަހުވެސް ފެނަކައިން ވަނީ ޤުރުއާން މުބާރާތް ބާއްވާފައެވެ. މިރޯދަމަހު ބޭއްވުނު މުބާރާތަކީ ފެނަކައިން މިގޮތަށް ބޭއްވި 8 ވަނަ މުބާރާތެވެ. 2019 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މުބާރާތް ބޭއްވިގެން ދިޔަ ނަމަވެސް ދެވަނަ މުބާރާތަކަށް ދެވޭނެ ފުރުސަތު ނުލިބި މުޅި ދުނިޔެއަށް ދިމާވި ކޮވިޑްގެ އާލަމީ ވަބާގައި ފެނަކައިން ބާއްވަން ފެށި މިމުބާރާތްވެސް މެދުކަނޑާލަން ޖެހުނެވެ. އެހެންކަމަށްވިޔަސް ކޮވިޑުގެ ހާލަތުގައި ދެ އަހަރުގެ މެދުކެނޑުމެއް އައިކަމުގައި ވިޔަސް މި ހިތްދަތި ކަންބޮޑުވުމުން ރާއްޖެ ސަލާމަތްވެ އަމާންކަމުގެ އައްސޭރިއަކަށް ދެވުމާއެކުހެން އަނެއްކާވެސް އަލުން މި މުބާރާތް 2022 ވަނަ އަހަރު ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ފެނަކައިން ވަނީ ބާއްވާފައެވެ. މުބާރާތުގެ ބައިވެރިގެން ތެރެއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެތަކެއް ފައިސާގެ އިނާމުވެސް ފެނަކައިން ވަނީ ދީފައެވެ.

މީގެއިތުރުން ފެނަކައިން ދަނީ ރަށްރަށުގެ ޕާކު ހެދުމާއި އެހެނިހެން އިޖުތިމާއީ ހަރަކާތްތަކުގައި ނަމޫނާ ދައްކަމުންނެވެ. އޭގެ މިސާލަކީ މާލޭގެ ރައްޔިތުން ދަތުރުދިޔުމަށް ހަދާފައިވާ ޕިކްނިކް އައިލެންޑްގައިވެސް ފެނަކައިގެ ބޮޑު އިންޖީނުގެ ގެޔެއް ހުރުމެވެ.

ފެނަކައިން ކުރިއަރައިގެން ދާކަމުގެ އެއް ހެއްކަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށް އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ޝުކުރު އަދާކުރައްވުމާއެކު ކުރައްވާފައިވާ ފުރިހަމަ ތައުރީފެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި، ފެނާއި ނަރުދަމާއާއި ކަރަންޓުގެ ކަންތައްތަކަށް ފެނަކަ ގެނެސްފައިވާ ކުރިއެރުންތަކުން އެރަށްރަށުގެ ރައްޔިތުންގެ ހާލަތްތަކަށް އައިސްފައިވާ ހެޔޮބަދަލާއި އެބައިމީހުންނަށް އެހީތެރިވުމާއެކު ހިތްހަމަޖެހުން ހޯދައިދިނުމަށް، ފެނަކައިން އެރަށްރަށުގައި ދެމުން އަންނަ އެކި އިޖުތިމާއީ ހިދުމަތްތަކަކީވެސް މި ދެންނެވިފަދައިން ފެނަކަ ކުރިއަރައިގެންދާކަމުގެ ފުރިހަމަ ހެއްކެކެވެ.