މޮސްކޯ، /ޓާސް/: ފިނި ހަނގުރާމައިގެ ވިސްނުން ދޫކޮށްލައި އޭޝިޔާ ފެސިފިކް ސަރަހައްދަށް ފުޅާވެގަތުމުގެ ވިސްނުން ނޭޓޯއިން ދޫކޮށްލަން ޖެހޭ ކަމަށް ރަޝިޔާގައި ހުންނަވާ ޗައިނާގެ ސަފީރު ޒާންގް ހަންހޫއީ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން ބާރުއަޅަނީ ނޭޓޯއިން މިޒަމާނުގެ ވިސްނުން އިސްކޮށް، އޭޝިއާ ޕެސިފިކް ގައުމުތަކުން ސުލްހައާއި ތަރައްގީއަށް ގޮވާލާ ގޮވާލުންތަކަށް ބޯލަނބާ، ގޯސް ވިސްނުން އެއްފަރާތްކޮށް، ފިނި ހަނގުރާމައިގެ ވިސްނުން ދޫކޮށްލައި، އޭޝިއާ ޕެސިފިކް ސަރަހައްދަށް ފެތުރިގަތުމުގެ ވިސްނުމުން ދުރުހެލިވުމަށް" ރަޝިޔާގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޒާންގް ހަންހޫއީ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އޭޝިއާ ޕެސިފިކް ސަރަހައްދުތަކަކީ "ޖިއޮޕޮލިޓިކަލް ގޭމްސް ކުޅޭ ޗެސްބޯޑަކަށް ވުރެ އެއްބާރުލުމާއި ތަރައްގީގެ ސަރަހައްދެކެވެ.
ޗައިނާގެ ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި ދިގު މުއްދަތުގެ ތަނަވަސްކަމާއި ހަމަޖެހުން ދެމެހެއްޓުމުގެ ރޮނގުގައި ކާމިޔާބު ހޯދާފައި ވަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އިހުތިރާމާއި ފާޅުކަން ބޮޑު އެއްބާރުލުމުގެ ސަބަބުންނެވެ.
"އޭޝިޔާ ޕެސިފިކުގެ ދައުލަތްތަކުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގެ ގާބިލްކަމުގެ ސަބަބުން މިސަރަހައްދު ދުނިޔޭގެ އަޖައިބަކަށް ވެގެންދަނީ" ޒާންގް ހަންޙޫއީ ވިދާޅުވިއެވެ.
މިބަސްދީގަތުމުގައި ޒާންގް ހަންހޫއީ ވަނީ އޭޝިޔާ ޕެސިފިކް ގައުމުތަކަށް ނުސީދާކޮށް އިންޒާރެއްވެސް ދެއްވާފައެވެ.
"މިސަރަހައްދުގެ ތަރައްޤީ އާއި ކުރިއެރުން ބިނާވެފައި އޮތީ މިނިވަންކަމާއެކު ގައުމުތަކުގެ ބޯޑަރު ހުރަސް ކުރެވޭ ފުރިހަމަ ނިޒާމުގެ ސަބަބުން. ޖިއޯ ޕޮލިޓިކްސްގެ ސަބަބުން މިނިޒާމަށް ހުރަސް އެޅިއްޖެނަމަ މުޅި ސަރަހައްދަށް އޭގެ ގެއްލުން ކުރިމަތިވާނެ" ޒާންގް ހަންހޫއީ ވިދާޅުވިއެވެ.