ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަމަޖައްސަވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ގާސިމް އިބްރާހިމްގެ ކެމްޕޭން އެޖެންޓަކަށް އަލީ ވަހީދު ކަނޑައަޅައި، ލިޔުން ހަވާލުކޮށްފައި ވަނީ މިއަދު އެޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޖޭޕީގެ ލީޑަރު އަދި އެޕާޓީން ވާދަކުރައްވާ ރިޔާސީކެންޑިޑޭޓް ގާސިމްގެ ރިޔާސީ ކެމްޕެއިން އެޖެންޓުކަން ލިބިލެއްވުމަށްފަހު ކުރެއްވި ފުރަތަމަ ޓުވީޓުގައި އަލީ ވަހީދު ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގަތީ ގައުމީ މަސައްކަތެއް ކަމަށް ދެކިގެން ކަމަށެވެ.

އަލީވަހީދު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު ހުށަހަޅާފައިވާ މައްސަލައިގެ ތުހުމަތަކާ ގުޅިގެން އަލީވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ވަނީ މިދިޔަ ޖޫންމަހު ނިންމާފައެވެ. އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ ހަރަކާތްތަކާ ގުޅިވަޑައިގެންފައި މިވަނީ އެދައުވާތައް ނިންމި ފަހުންނެވެ.

އަލީވަހީދަށް މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވުމުންވެސް އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކިކުރީ ޖުލައި 2020ގައެވެ.