ރައީސްގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝިހާބާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
މިއަދު މ. ކުނޫޒްގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި މި ދެ ބޭފުޅުން އެ ޕާޓީއަށް ސޮއިކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައެވެ.
އަދި މިކަމާ ގުޅިގެން ގާސިމް ވިދާޅުވީ، މި ދެ ބޭފުޅުން ޖޭޕީއާއި ގުޅިވަޑައިގަތުމުން ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ޖެޕީއަށް ސޮއިކުރެއްވުމަށް ފަހު ޝިހާބު ވިދާޅުވެފައިވަނީ މައިގަނޑު މަސައްކަތަކަށް ވާނީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަށް ރާއްޖޭގެ ރައީސަކަށް ވުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ގައުމުގެ މިސްރާބު ބަދަލުކުރުމުގެ ބާރު ޖޭޕީގައި އެބައޮތް ކަމަށާއި ގައުމު ރަނގަޅު މަގަކަށް ގެންދަން އަދި އެއްފަހަރު މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.
މި ދެބޭފުޅުން ޖޭޕީއަށް ސޮއިކޮށްފައިވާއިރު ގާސިމްގެ ރަސްމީ އިންތިހާބީ އެޖެންޓަކަަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ރައީސް އަލީ ވަހީދު ވަނީ ހަމަޖައްސައިފައެވެ.