މިސެޕްޓްމެބަރުމަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިންއިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ޕީޕީއެމްއާއި ޕްރޮސެކިއުޓާ ޖެނެރަލް ތަދައްޚުލު ވެއްޖެއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 3:00 އަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީން ބަލައިނުގަތް މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާތީ، އެ މައްސަލައިގެ އަޑުއެހުމަށް ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ހާޒިރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ މި މައްސަލައަށް ޕީޕީއެމުންވެސް ވަނީ ތަދައްހުލުވެފައެވެ. ޕީޕީއެމްއިން ހާމަކުރި ގޮތުގައި ރައީސް ޔާމީނާއި އެ މަނިކުފާނަށް ތާއީދުކުރާ އެންމެހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށްޓަކައި އެ މައްސަލައަށް ޕީޕީއެމުން ވަނީ ތަދައްޚުލު ވެފައި ކަމަށެވެ.
ޔާމީންގެ ކެންޑިޑެސީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ ދުވަހުގެ މެންދުރުފަހު އީސީން ވަނީ ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށްވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.
ކެންޑިޑެންސީ ބަލައިނުގަތް މައްސަލައިގައި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަނެ، އެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފައެވެ. އެކަމާ ގުޅިގެން އީސިންވަނީ މިއަދު ރައީސް ޔާމީންގެ މައްސަލައަށް ޖަވާބު ހުށަހަޅާނެކަމަށް ބުނެފައެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.