ގައުމާއި ވަތަނުގެ ލޯތްބަކީ ދުލުން ބުނެދޭން ނުވަތަ ގަލަމަކުން ބަޔާންކޮށްދެވޭ ވަރަށްވުރެ މާމަތިވެރި ވަރުގަދަ މާތް ލޯތްބެކެވެ. އަމިއްލަ ވަޒަނުގެ ލޯބީގާ ދައުލަތުގެ ހިދުމަތުގައި ޅަޒުވާން އުމުރުން ފެށިގެން ގައިބާރުދެރަވެ ހިނގާބިނގާވެ ނޫޅެވޭ ހާލަތާ ހަމައަށް ދާއިރުވެސް އެގޮތުގައި ދެމިތިބޭ ފަރާތްތަކަކީ އެފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަން ކުރަން ކޮންމެހެންވެސް ޖެހޭ ބައެއްކަން ޔަގީނެވެ. ދިވެހިރާއްޖޭގައި ސަރުކާރުގެ އެކި މުވައްސަސާތަކުގެ އެކި ފެންވަރުގެ އެކި ފަންތީގައި މިފަދަ ހިދުމަތްތެރިން ގިނަގުނަކަން ޔަގީނެވެ. އަދި މިސަރުކާރުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިފަދަ ފަރާތްތަކުގެ އަގުހުރި މަސައްކަތްތަކާއި ހިދުމަތުގެ އަގުވަޒަންކޮށް ދެއްވަން ފެށްޓެވި "ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ" ކިތަންމެހާވެސް ހާއްސަ އަދި ފާހަގަކޮށްލެވޭ މުހިންމު އިނާމެކެވެ.

ދައުލަތަށް ހިދުމަތްކުރުމުގައި ދިވެހި އަންހެންކަނބަލުން އެކަނބަލުންގެ އުމުރު ހޭދަކޮށްފައި ވަނީ އާއިލާއާއި ދަރިންނަށްވެސް ވަގުތުދެމުން އަމިއްލަ ގެދޮރުގެ ޒިންމާވެސް ނަގަމުންނެވެ. އެހެންކަމުން ދައުލަތުގެ ހިދުމަތުގައި އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވާ އަންހެންކަނބަލުން ކޮށްފައި އެވަނީ ދެގުނަ ނުވަތަ އެއަށްވުރެވެސް އެތައް ގުނައެއް ބޮޑު އަދި ބުރަ މަސައްކަތެއްކަން ޔަގީނެވެ. މިއަހަރުގެ މިނިވަންދުވަހު ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ހާސިލު ކުރެއްވި ފަރާތްތަކުގެ ތެރެއިން ގިނައިން އަންހެންބޭކަނބަލުން ތިބިކަން އެއީ ދިވެހިއަންހެންކަނބަލުންގެ ހީވާގިކަމާއި އިހުލާސްތެރިކަމާއި ގައުމަށް އޮތް ލޯބި ހާމަވެގެންދިޔަ ބޮޑު ސަބަބެކެވެ.

މިނިވަންދުވަހު މި އިނާމު ހާސިލު ކުރެއްވި އަންހެންކަނބަލުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރެއްވި 49 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް މައްސަލައެއް ޖެހިގެން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައިނުވާކަން ފާހަގަކޮށްލެވުނު ފަރާތަކީ ޔަގީނުންވެސް ދިވެހިއަންހެންބޭފުޅުންނަށް ހުރި ފަހުރެއްކަމުގައި ނޫނީނުވާނެއެވެ.

24 އޮކްޓޫބަރު 1963 ގައި ޕޯސްޓް އޮފީސް (ށ) ގައި އޮޕަރޭޓަރެއްގެ ވަޒީފާއިން ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވި މާލެސިޓީ ހެންވޭރު ލައިލެކްހައުސް އަލްފާޟިލާ ޒަހީރާ އަޙްމަދު، 13 ޖުލައި 1967 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ހަތަރުމަސްފަހުން އަނެއްކާވެސް އަލުން 5 ނޮވެންބަރު 1967 ގައި ސ. ބޮޑުއިސްޓޯރުގެ ހިސާބު ބަލަހައްޓާ ކާތިބާއެއްގެ ވަޒީފާއިން ވަމީ ދައުލަތަށް ހިދުމަތް ކުރެއްވުމާ ގުޅިވަޑައިގެންފައެވެ.

އަލްފާޟިލާ ޒަހީރާ އަހުމަދު އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި:

  • ޕޯސްޓްއޮފީހުގެ އޮޕަރޭޓަރުކަން
  • ސ. ބޮޑުއިސްޓޯރުގެ ހިސާބު ބަލަހައްޓާ ކާތިބާކަން
  • ވުޒާރަތުލް މާލިއްޔާ (ބ)ގެ ވަގުތީ ދެ ނަންބަރު ކާތިބާކަން
  • ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 1 ނަންބަރު ކާތިބާކަން
  • ސްޕެޝަލް ވެލްފެއަރ ޑިވިޜަންގެ 2 ނަންބަރު ކާތިބާކަން
  • މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ 2 ނަންބަރު ކާތިބާކަން
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ 2 ނަންބަރު ކާތިބާކަން
  • މެރިން ޑިވިޜަންގެ 2 ނަންބަރު ކާތިބާކަން

މި ދާއިރާތަކުގައި ޒަހީރާ ހިދުމަތް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރައްވައިފައި ވަނީ އިދާރީ މަސައްކަތްތަކެވެ. މީގެތެރޭގައި، ފައިސާއާބެހޭ ކަންތައްވެސް ހިމެނެއެވެ.

  • ކޯޓު ނަންބަރު 4ގެ 1 ނަންބަރު ކާތިބާކަން
  • ކޯޓު ނަންބަރު 5ގެ 1 ނަންބަރު ކާތިބާކަމާއި ސެކްރެޓެރީ ކަން
  • ކޯޓު ނަންބަރު 1ގެ ސެކްރެޓެރީ ކަން
  • ކޯޓު ނަންބަރު 7ގެ ސެކްރެޓެރީކަން
  • ކޯޓު ނަންބަރު 3ގެ ސީނިއަރ ސެކްރެޓެރީކަން
  • އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން
  • ކޯޓު ނަންބަރު 1ގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން
  • ކުޑަކުދިންނާ ބެހޭ ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ކަން

5 އޮކްޓޫބަރު 1980 ގައި ޒަހީރާ އަޙްމަދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ1 ނަންބަރު ކާތިބާ ކަމުގެ މަގާމަށް ބަދަލުވެވަޑައިގެންނެވި ހިސާބުން ފެށިގެން 1 ފެބުރުވަރީ 2014 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޚިދުމަތް ކުރެއްވީ، ޝަރުޢީ ދާއިރާގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކުޑަކުދިންނާ ބެހޭ ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ޒަހީރާ އަހުމަދު، ޝަރުޢީ ދާއިރާގައި ހިދުމަތް ކުރެއްވިއިރު، ކޯޓުތަކުގައި ހިންގައިފައިވާ ޝަރީއަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުފަދަ ލިޔުންތައް، ފަރުވާތެރިކަމާއެކު އަތުން ލިޔުއްވުމާއި، ޝަރީޢަތާ ގުޅޭގޮތުން ކުރައްވަންޖެހޭ އިދާރީ މަސައްކަތްތައް ވަނީ ކުރައްވައިފައެވެ.

ކުޑަކުދިންނާ ބެހޭ ކޯޓުގައި ޒަހީރާ އަޙްމަދު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އެ ކޯޓުން ވަނީ ހަނދާނީ އައްޑަނައެއްވެސް އަރުވައިފައެވެ. ކުރިންވެސް ދެންނެވި ފަދައިން ދައުލަތަށް ޚިދުމަތް ކުރެއްވި 49 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް މައްސަލައެއް ޖެހިގެން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރައްވައި، މިފަދަ ޝަރަފެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އެއީ، ޒަހީރާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. އަދި މިއީ ޒަހީރާ މިހާތަނަށް އެއްގޮތަކަށްވެސް އުންމީދު ކުރެއްވި ކަމެއްވެސް ނުމެ ނޫންމެއެވެ.

ދިވެހިދައުލަތަށް ހިދުމަތްކުރެއްވި މި ހިތްވަރުގަދަ އަދި އިހުލާސްތެރި ދިވެހިއަންހެންކަނބަލަށް ހަލިނޫހުގެ ފަރާތުން ފުރިހަމަ ސަލާމަކާއެކު ހާސިލު ކުރެއްވި އިނާމަށް މަރުހަބާކިޔަމެވެ.