ނޮރޯވައިރަސް އަކީ ހޮޑުލުމާއި ބޭރަށް ހިންގުން ކުރިމަތިވާ ވަރަށް އާންމު ވައިރަހެކެވެ. ކޮންމެ މީހަކަށްވެސް ނޮރޯވައިރަސް ޖެހި، ބަލިވެދާނެއެވެ. ނޮރޯވައިރަސް އަށް ބައެއް ފަހަރު ކިޔަނީ "ސްޓޮމެކް ފްލޫ" ނުވަތަ "ސްޓޮމެކް ބަގް" އެވެ. ނަމަވެސް ނޮރޯވައިރަސްގެ ބަލިމަޑުކަމަކީ އިންފްލުއެންޒާ ވައިރަސްގެ ސަބަބުން ޖެހޭ ރޯގާއާ ގުޅުން ހުރި ކަމެއް ނޫނެވެ.
ޑޮކްޓަރ ހަދީޖާއަލީ ވިދާޅުވި ގޮތުގައި ނޯރޯވައިރަސް ޖެހުމުން، އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ބޭރަށް ހިންގުމާއި ހޮޑުލުމާއި ބޯއެނބުރުން އަދި ބަނޑުގައި ރިއްސުމެވެ.
ހަށިގަނޑަށް ނޯރޯވައިރަސް ވަންނަތާ ދުވަހެއް ނުވަތަ ދެ ދުވަހެއްގެ ތެރޭ، ކިތަންމެ ފުރިހަމަ ސިއްހަތެއްގައި ހުންނަމީހަކަށްވެސް ހަމަ ވަރަށް ބޮޑަށް ބަދަލުއައިސް ބަލީގެ އަލާމާތްތައް ފެނި ބަލިވުމަށް ނަގަނީ ހަށިގަނޑަށް ނޯރޯވައިރަސް ވަންނަތާ ހަމައެންމެ ދުވަހެއް ނުވަތަ ދެ ދުވަހެއްވަރު މުއްދަތެކެވެ.
ވައިރަސްގެ އާންމު އަލާމާތްތަކުގެ ތެރޭގައި
- ބޯއެނބުރުން، ހޮޑުލުން (އާންމުކޮށް ކުޑަކުދިންނަށް، އެކަމަކު ބައެއް ފަހަރު ބަލިފެށިގަންނައިރު ބޮޑެތިމީހުންވެސް ހޮޑުލައެވެ)
- ބޭރަށްހިންގުން/ ދިޔާކޮށްބޮޑުކަމުދެވުން (ބޮޑެތިމީހުންނަށް އާންމުކޮށް ވާގޮތެއް/ ކުޑަކުދިންނަށްވެސް ބައެއްފަހަރު މިކަންވެސްދިމާވެއެވެ)
- ބަނޑުގައި ރިއްސުން
ވައިރަސްގެ އިތުރު އަލާމާތްތަކުގެ ތެރޭގައި؛
- ކުޑަކޮށް ހުން އައުން (ބައެއް މީހުން ހުންނައިކަމުގައި ވިޔަސް އެތެރެހަށީގައި ހުމުގެ އިހުސާސް ހުންނަކަމަށްވެއެވެ)
- ހީކެރުވުން
- ބޮލުގައި ރިއްސުން
- ގައިގައި ރިއްސުން
- ވަރުދެރަވެ ވަރުބަލިވުން/ ބަރުދަންލުއިވުން
މީގެ ތެރެއިން ގިނަ އަލާމާތްތައް ސީރިއަސް ނޫންކަމުގައިވިޔަސް ގިނައިން ހޮޑުލުމާއި ބޭރަށް ހިންގުމަކީ މީހާގެ ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓް ވާ ކަމަކަށް ވުމުން މިއީ ސަމާލުވާން ޖެހޭ ކަންތައްތަކެވެ. ޑޮކްޓަރ ހަދީޖާއަލީ ވިދާޅުވި ގޮތުގައި މިގޮތަށް ބޮޑަށް ދިމާވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. ބޭރަށް ހިންގައި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑަށް ނިއުޓްރިޝަން ނުލިބި ވަރު ދެރަވުމަކީވެސް ސަމާލުވެ ފަރުވާދޭން އަވަސްވާން ޖެހޭ ކަންތައް ކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ނޮރޯވައިރަސް އިން އަމިއްލަ ނަފްސާއި އެހެން މީހުން ރައްކާތެރިކުރުން:
- ގިނަގިނައިން އަތްދޮވެ ސާފުކުރުން (އަލްކޮހޮލް ހިމެނޭ ބާވަތަކުން ސާފުކުރުމަށްވުރެ ސައިބޯނި ލައިގެން އަތް ދޮވުން މުހިންމު)
- ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށް ފަހުގައާއި ފާހާނާކުރުމަށް ފަހުގައި ސައިބޯނި ލައިގެން މަދުވެގެން ވިއްސަކަށް ސިކުންތު ވަންދެން އަތް ދޮވުން.
- މޭވާ އާއި ތަރުކާރީ ރަނގަޅަށް ދޮވެގެން ކެއުން.
- އޮއިސްޓާފަދަ ތަކެތި ރޯ ފިލުވައިގެން ކެއުން
- ބަލިވެ އުޅޭއިރުގައާއި އަދި ބަލީގެ އަލާމާތްތަކުން ސަލާމަތްވިޔަސް ދެދުވަހެއްވަރު ގޭގައި މަޑުކުރުން އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށްވެސް މުހިންމެވެ.
- އަދި ހަމަ ދެދުވަހެއް ވަރު އެހެންމީހުންނަށް ކައްކައި ކާންދިނުމުންވެސް ދުރުހެލިވުހުރުން މުހިންމެވެ. ހަށިގަނޑުގައި ވަރުޖެއްސުމަށް ދެންވެސް ދިޔާތަކެތި ގިނައިން ބޭނުން ކުރާށެވެ.
"ވިންޓަރ ވޮމިޓިން ބަގް" ގެ ނަމުން ވެސް ނަންދެވިފައިވާ ނޯރޯވައިރަސް އަކީ ހޮޑުލުމާއި ބޭރަށް ހިންގުން ޖައްސުވާ ވަރަށްވެސް އަވަހަށް ފެތުރޭ އަދި ގިނަމީހުން އެއްވެއުޅޭ ތަންތަނުން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެއްކަމުން މިވައިރަސްގެ އަލާމާތެއް ފެންނަ ހިސާބުން ތިމާ އެހެންމީހުންގެ ތެރެއަށް ނުކުމެ އުޅުމުން ރައްކާތެރިވާން ޖެހެއެވެ. ބަލީގެ އަލާމާތްތައް ފެނުމާއެކު ސިއްހީ އެހީތެރިކަން ހޯދުމަށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުން މުހިންމެއެވެ. އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި ފާހާނާފަދަ ތަންތަން ސާފުކުރަން ބޭނުންކުރާ ސާފު/ކްލީންކްލީން ފަދަ ތަކެތިން ސާފުކޮށްފައި ބެހެއްޓުން އަދި ސައިބޯނިލައިގެން ގިނަގިނައިން އަތްދޮންނަން ސަމާލުކަންދީ ހަނދާނުގައި ބަހައްޓަން ވާނެއެވެ. އަދި ވައިރަސްގެ އަސަރު ފިލުމަަށްފަހުވެސް ދެދުވަހެއްވަރު ރައްކާތެރިވެ ހުރުމަށްވެސް ސަމާލުވާންޖެހެއެވެ.