ޔޫކްރައިނުން ރަޝިޔާގެ އަސްކަރީ މަނަވަރަކަށް މީގެ ކުޑައިރުކޮޅެއް ކުރިން ދިން ހަމަލާއެއްގައި އެމަނަވަރު ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތި ކޮށްލެވިއްޖެ ކަމަށް ޔޫކްރައިނުގެ އިންޓަލެޖެންސުން ބުނެފިއެވެ.

112 މީޓަރުގެ ދިގު މިމަނަވަރު އަޑިއަށްދާ ފޮޓޯތައް މިހާރު ވަނީ ލީކް ވެފައެވެ. މިމަނަވަރަށް ހަމަލާދީފައި ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ، ރިމޯޓް ކޮންޓްރޯލް އެހީގައި ކަނޑުގައި ދުއްވާ ކުޑަ ބޯޓެއް ބޭނުން ކޮށްގެންނެވެ.

"އޮލެނިގޯސްކީ ގޯނަޔަކް" ނަން ދީފައިވާ މިމަނަވަރު ރަޝިޔާއިން މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ކަޅުކަނޑުގެ އުތުރުގެ އޮޕަރޭޝަންތަކަށެވެ. މިމަނަވަރަކީ ހަނގުރާމަ މަތީ މަތިންދާ ބޯޓްތައް ޖެއްސޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޒަމާނީ މަނަވަރަކެވެ.

މަނަވަރަށް އަމާޒުވި ހަމަލާއާ ގުޅިގެން ރަޝިޔާއިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ޔޫކްރައިނުން ރަޝިޔާއާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށް ޑްރޯން ބޭނުން ކޮށްގެން ރަޝިޔާގެ ވެރިރަށް މޮސްކޯގެ ބައެއް ތަންތަނަށް ހަމަލާ ދީފައެވެ.