އިދިކޮޅު މައިޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ އޯވަލޯޑް ވެގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލައިގެ އަޑުއެހުން މިއަދު 14:30 އަށް ތާވަލުކޮށްފައިވާއިރު، ވަގުތު ކައިރިވެފައިވަނިކޮށް ސްޕްރީމް ކޯޓު ސަރަހައްދުން މިވަގުތު ވަނީ ކަރަންޓު ކެނޑިފައެވެ.

މިކަމާ ގުޅިގެން ޕީޕީއެމަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މިއީ ކަނޑައެޅިގެން ރޭވުމެއްގެ މަތިން ސްޓެލްކޯއިން ކުރަމުންދާ ކަމެއްކަމަށް ބުނެ ސްޓެލްކޯއަށް ތުހުމަތުގެ އިނގިލިދިއްކޮށް ބަސްބުނަމުންނެވެ. އެހެންނަމަވެސް މިއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއްކަމެއް އެނގޭކަށްނެތެވެ.

ސުޕްރީމްކޯޓު ހިމެނޭ ސަރަހައްދުން ކަރަންޓު ދިޔުމާ ގުޅިގެން ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި އެހިސާބުން އެންމެ ފުރަތަަމަ ކަރަންޓް ދިޔައީ ސްބްސްޓޭޝަންއެއްގެ ސްވިޗެއްގައި މައްސަލަ ޖެހިގެންނެވެ. އެކަން ހައްލުކޮށް ކަރަންޓް ދީފައި ވަނިކޮށް އަނެއްކާ ކަރަންޓް ދިޔައީ، އޯވާ ލޯޑް ވެގެން ކަމަށެވެ. ސްޓެލްކޯއިން މިހާރު މި މައްސަލަ ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މައްސަލައިގެ އަޑުއެހުމަށް ވަނުމަށް އިދިކޮޅުު ލީޑަރޝިޕް ގެ ގިނަ ބޭފުޅުން ސްޕްރީމްކޯޓް ސަރަހައްދަށް އެއްވެފައެވެ. އަދި ހަމައެހެންމެ މިވަގުތު ފުލުހުންވެސް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންރައީސް ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި ސޮއިކުރެއްވި ފޯމް އީސީ އަށް ހުށަހަޅާފައިވަނީ މި އޮގަސްޓު މަހުގެ އެކެއްގައެވެ.

އެހެންނަމަވެސް، އިލެކްޝަނުން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި އޮތީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް (11 އަހަރުގެ ހުކުމް) އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އެހެންކަމުން ޕީޕިއެމްއިން އީސީގެ މި ނިންމުން ވަނީ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ.