އިދިކޮޅު މައިޕާޓީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީއާ ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑުމުން، މައްސަލަ ބާއްވާ ގަޑި ފަސްކޮށްފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 3:00 އަށް ކަމަށް ވިޔަސް ސުޕްރީމްކޯޓުން ދާދި ދެންމެއަކު ވަނީ އެކްސްކޮމް (ޓުވިޓާގައި) 3:45 އަށް ޝަރީއަތް ފަސްކޮށްފި ކަމަށް ބުނެފައެވެ.
އެ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ކައިރިވެފައިވަނިކޮށް ސްޕްރީމް ކޯޓު ސަރަހައްދުން މިވަގުތު ވަނީ ކަރަންޓު ކެނޑިފައެވެ. އަދި ސްޓެލްކޯއިން އެދިމާވި މައްސަލަ ހައްލުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.
މައްސަލައިގެ އަޑުއެހުމަށް ވަނުމަށް އިދިކޮޅުު ލީޑަރޝިޕް ގެ ގިނަ ބޭފުޅުން ސްޕްރީމްކޯޓް ސަރަހައްދަށް އެއްވެފައި ވާއިރު، ރައީސް ޔާމީންވެސް ވަނީ ސްޕްރީމް ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި އެ ސަރަހައްދުގައި މިވަގުތު ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންރައީސް ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި ސޮއިކުރެއްވި ފޯމް އީސީ އަށް ހުށަހަޅާފައިވަނީ މި އޮގަސްޓު މަހުގެ އެކެއްގައެވެ.
އެހެންނަމަވެސް، އިލެކްޝަނުން ޕީޕީއެމަށް ފޮނުވި ލިޔުމެއްގައި ބުނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އޮތީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް (11 އަހަރުގެ ހުކުމް) އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އެހެންކަމުން ޕީޕިއެމްއިން އީސީގެ މި ނިންމުން ވަނީ ސުޕްރީމްކޯޓަށް ހުށަހަޅާފައެވެ.