މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަން މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ގަޒިއްޔާ ނަމްބަރު: 2023/SC-C/01 ގަޒިއްޔާގެ މިއަދުގެ އަޑުއެހުންތައް ނިންމާލަނީކަމަށާއި މިއަޑުއެހުން ކުރިއަށް ގެންދިޔައީ ދެފަރާތަށްވެސް، ތަދައްހުލުވި ފަރާތަށްވެސް، ފުރުސަތު އަރުވައި ދެފަރާތުންވެސް ވަރަށް ފުރިހަމައަށް ތަފްސީލުކޮށް ވާހަކަދެކެވުނުކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އަޑުއެހުންތައް ނިންމާލުމާ ގުޅިގެން ފަނޑިޔާރުންގެ މެދުގައި ބަހުސްކުރައްވަން ޑެލިބަރޭޓް ކުރައްވާނެ ކަމަށާއި، އެ ޑެލިބަރޭޓް ކުރެއްވުމުގައި އަލުން އިތުރު ކަމެއް ސާފުކުރަން ނުވަތަ އަލުން އިތުރު ސުވާލެއް އޮތްކަމަށްވަންޏާ އަލުން އިތުރު ޝަރީއަތުގެ މަޖިލީހެއް ބޭއްވޭނެ ކަމަށެވެ.
އެހެންނޫންކަމަށް ވަންޏާ ﷲގެ އިރާދަފުޅުން ދެން ބާއްވާނީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުންކަމަށް ވިދާޅުވަމުން އުއްތަމަ ފަނޑިޔާރު މިއަދުގެ އަޑުއެހުން ނިންމާލެއްވީއެވެ.
މިއަދުގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު:
- އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން،
- ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު،
- ފަނޑިޔާރު އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު،
- ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު،
- ފަނޑިޔާރު އަލްއުސްތާޒު ހުސްނުއް ސުއޫދު،
- ފަނޑިޔާރު އަލްއުސްތާޒު ޢަލީ ރަޝީދު ހުސައިން،
- ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް
މިއަދު ހަވީރު 3:45 އިން ފެށިގެން ސުޕްރީމް ކޯޓުގައި ގެންދިޔަ މިއަޑުއެހުމުގައި މައްސަލައިގެ ތެރެއަށް ތަދައްހުލް ކުރުވާފައިވާ ދައުލަތުގެ ބަންޑާރަ ނައިބުގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑަސީއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ވަކިގޮތަކަށް ކަނޑައަޅާފައިވަނީ ހުކުމެއްގައި ހުރި މީހަކަށް އެ މަގާމު ނުދިނުމުގެ ބޭނުމުގައިކަމަށެވެ.
ހަމައަނެއްކޮޅުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މަނިކުފާނުގެ ސާބިތު ދަރަނީގެ ލިޔެކިޔުންތައް ހުށަހަޅައިފައިނުވާތީ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ.
މިޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތުންވެސް ގިނަ ކަންތައްތަކެއް ހުށަހެޅުއްވިއެވެ. ރައީސް ޔާމީނަށް އަލުން ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށާއި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމް އިން އަލުން ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ދިނުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވީ ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުގެއްލޭނެ ކަމަށްވާތީ، ޔާމީންގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައިދެއްވުމަށެވެ. އަދި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ދިނުމަށްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ. އީސީން ވަނީ ޕީޕީއެމުން އެހެން ކެންޑިޑޭޓަކުން ނެރުމަށް ކެންޑިޑެސީ ފޯމް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވެފައެވެ.
ފަނޑިޔާރުންގެ ބެންޗުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމާކުރިމަތިކުރައްވި ގިނަ ސުވާލުތަކުގެ ތެރޭގައު ނިހާއީ ހުކުމް މާނަކުރާ ގޮތާއި ޖަލު ހުކުމެއް ތަންފީޒުކުރަމުން ގައިދީއަކު އިންތިހާބުގައި ވާދަކޮށްގެން ހޮވިއްޖެނަމަ އެމީހާގެ ހުކުމް ނިމުނީތޯ ނޫނީ ދެންވާނީ ކިހެންތޯ ފަދަ ސުވާލުތައް ކުރިމަތިކުރެއްވިއެވެ.
ކޮންމެއަކަސް ގަަދަފަދަ ހޫނުބަހުސުތަކަކަށްފަހު މިއަޑުއެހުން ނިންމާލާފައި މިވަނީ ފަނޑިޔާރުންގެ ބަހުސަށްފަހު މައްސަލައިގެ ހުކުމް އިއްވާނެކަން ހާމަކުރައްވަމުންނެވެ.