ޕާކިސްތާނުގެ އާންމު އިންތިހާބު ބާއްވަން އެންމެ 3 މަހަށް ވެފައި ވަނިކޮށް އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް 3 އަހަރުގެ ޖަލު ހުކުމެއް ލާހޯރް ކޯޓުން އިއްވައިފިއެވެ.

އިމްރާން ޚާނަށް 3 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިވެ ވަޑައިގެންނެވީ ވެރިކަން ކުރެއްވި ދުވަސްވަރު ލިބިވަޑައިގެންނެވި"ދައުލަތުގެ ހަދިޔާތައް" އަމިއްލަ މަންފާ ހޯދުމަށްޓަކައި ގަވައިދާ ޚިލާފަށް ވިއްކެވިކަން ސާބިތުވުމުންނެވެ. އުމުރުން މިހާރު 70 އަހަރުގެ އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވީ 2018 އިން 2022 އަށެވެ.

ކޯޓު އަމުރަށް ލާހޯރު ފުލުހުން މިހާރު ވަނީ ޚާން ހައްރުވެސް ކޮށްފައެވެ.

ޚާންގެ ވަކީލު އިންޓެޒާ ޕަންޖޯތާ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ފުލުހުން، ޚާން ހައްޔަރު ކުރީ ޚާން ދިރިއުޅުއްވާ ގެއިން ކަމަށެވެ. އަދި މިހާރު ޚާންގެ ޤާނޫނީ ޓީމުން މަސައްކަތް ކުރަމުން ދަނީ މިމައްސަލަ ހައިކޯޓަށް ހުށަހެޅުއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމުމާ ދެކޮޅަށް ހައިކޯޓަށް މައްސަލަ ވެއްދުމަށް ތައްޔާރު ވަމުން މިދަނީ" ޕަންޖޯތާ އިތުރަށް ވިދާޅުވި އެވެ.

ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރާ މައި 3 ޕާޓީއަކީ ޚާންގެ ތަޚްރީކޭ އާއި މިހާރު ބޮޑުވަޒީރު ކަމުގައި ހުންނެވި ޝެހްބާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގާއި ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ބިލާވަލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީއެވެ.