އަވަށްޓެރި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ޖަލަށް ލުމަށް ކުރި ހުކުމާއެކު އޭނާގެ މެންބަރުކަން ގެއްލިފައި ވަނިކޮށް އެ ހުކުމަށް އަމަލުކުރުން އެގައުމުގެ ސުޕުރީމް ކޯޓުން އިއްޔެ ހުއްޓުވައިފިއެވެ. އަދި އެ މައްސަލަ ނިމެންދެން ރާހުލްގާންދީގެ މެމްބަރުކަމުގެ ގޮނޑިއާއި އަންނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުޞަތު ވެސް ރާހުލްގާންދީއަށް ވަނީ ލިބިވަޑައިގެންފައެވެ.

2019 ވަނަ އަހަރުގެ މާރިޗް މަހުގައި ބޭއްވި އެއްވުމެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތް ކުރައްވައި، ވަގަށް ގޮވައި އަބުރާ ބެހުނު ކަމުގެ މައްސަލައިގައި ރާހުލް ގާންދީ ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ. ރާހުލްގާންދީއަށް ކުރި މިހުކުމާމުގެ ސަބަބުން މަޖިލިސް މެންބަރުކަމުގެ ގޮނޑި ގެއްލުމާއެކު އަންނަ އަހަރު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތުވެސް ގެއްލިގެން ދިޔައެވެ.

އެހެންނަމަވެސް މިމައްސަލައިގެ އެންމެ ފަހު ނިންމުމުގައި އިންޑިއާގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ރާހުލްގާންދީއަށް ކުރި ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރެއް ނެރެފައެވެ. އެއަމުރާއެކު ރާހުލްގާންދީއަށް ވަނީ މައްސަލަ ނިމެންދެން، އަލުން އަނބުރާ ކުރިން ހުރި މަގާމަށް ރުޖޫއަ ކުރެވިފައެވެ. އެގޮތުން ރާހުލްގާންދީގެ މެމްބަރުކަމުގެ ގޮނޑި އާއި އަންނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް އަލުން މިވަނީ ލިބިފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ރާހުލް ދެއްކެވި ވާހަކަތަކަކީ އޭގެ ޒާތުގައި މުޅިން ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އެހެންނަމަވެސް މެމްބަރުކަން ގެއްލޭ ގޮތަށް ރާހުލްގާންދީއަށް އެކުށުގެ އެންމެ ބޮޑު އަދަބު ދިން ސަބަބެއް ސާފުނުވާކަމަށް ހާމަކޮށް އެ ހުކުމް މަޑުޖައްސަން ވަނީ ނިންމާފައެވެ.

އިންޑިއާގައި މަޖިލިސް މެމްބަރުކަން ގެއްލެނީ ދެ އަހަރުގެ ހުކުމެއް އައުމުންނެވެ.

ސުޕްރީމް ކޯޓުގެ މިހުކުމާއެކު ރާހުލް ގާންދީއަށް މިލިބުނު ކާމިޔާބާ ގުޅިގެން އިންޑިޔާގެ މަގުތަކަށް ނުކުމެ އިދިކޮޅު ސަޕޯޓަރުން ދަނީ އުފާ ފާޅު ކުރަމުންނެވެ.