މިއަންނަ މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި، އެމްއެންޕީގެ ފަރާތުން ވާދަ ކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސައިފިއެވެ.

ޑރ.އަދީލް ނަސީރު މުހައްމަތު ނާޒިމްގެ ރަނިން މޭޓަކަށް ހަމަޖެއްސެވިކަން އިއުލާން ކުރުން އޮންނާނީ، އެކަމަށްޓަކައި ބިލަބޮންގް ސްކޫލްގައި މިރޭ ބާއްވާ ހާއްސަ ޖަލްސާއެއްގައެވެ.

ޑރ. އަހުމަދު އަދީލް ނަސީރު ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވައި ވާދަކުރައްވައިފައެވެ.

މީގެއިތުރުން އަދީލް ވަނީ ދެ ސުކޫލެއްގެ ޕްރިންސިޕަލް ކަމުގެ މަގާމުވެސް އަދާކުރައްވައި، އައްޑޫ އިސްލާމިއްޔާ ސްކޫލާއި ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.