މާލެއަށާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅުނު ސަރަހައްދަށް އެރި އުދައިގައި މީހުންނަށް އަނިޔާވެ ވެހިކަލްތަކަށް ގެއްލުން ވެއްޖެއެވެ. އަދި ސިނަމާލެ ބްރިޖުން ޒަރޫރީ ބޭނުންތަކަށް ނޫނީ ދަތުރުފަތުރު ނުކުރުމަށް ފުލުހުންގެ އިދާރާއިން އަންގައިފިއެވެ.

ފުލުހުން "ހަލި"ނޫހަށް މައުލޫމާތު ދިން ގޮތުގައި އުދައަރަމުން ދިޔަ ވަގުތު ހަ މީހަކަށް އަނިޔާވެގެން ސެނެހިޔާއަށް ވަނީ ގެންދެވިފައެވެ.

އަދި އެކިވަރުގެ ގެއްލުންތައް ވެހިކަލްތަކަށް ވަނީ ވެފައިކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ހަމަމިއާއެކު، ފުލުހުން ވަނީ އުދައެރުމާ ގުޅިގެން ސަމާލު ވުމަށް އަންގާފައެވެ.

މިއަދު އެރި އުދައިގެ ހާލަތު ފެންނަ ތަފާތު އެކި ވީޑިޔޯތައް ސޯޝަލްމީޑިޔާގައި ދައުރުވަމުންދާއިރު އޭގެތެރެއިން ބައެއް ވީޑިޔޯތަކުން ކުޑަކުދިން ތޮށިގަނޑާ ވަރަށް ގާތުގައި ތިބެ ވީޑިޔޯކޮށް ފޮޓޯނަގާ މަންޒަރުވެސް ފެނެއެވެ.

މާލޭގެ ރާޅުގަނޑުސަރަހައްދަށާއި އަދިވެސް އެތައް ހިސާބެއް ދުރަށް އެރި އުދައިގައިވަނީ އެތައް ބިރުވެރި މަންޒަރުތަކެއް ފެނިގެން ގޮސްފައެވެ.

އެކްސްކޮމް ގައި ކޮށްފައިވާ ޓުވީޓެއްގައި ފުލުހުން ވަނީ އުދައެރުން ހުއްޓެން ދެން ޒަރޫރީ ބޭނުންތަކަށް މެނުވީ ދަތުރު ނުކުރުމަށާއި އެފަދަ ދަތުރުތަކުގައިވެސް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް އަންގާފައެވެ.

"މާލެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން ދާތީ ސަމާލުވުމަށް ދަންނަވަން. ހާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ދަންނަވަން. ޒަރޫރީ ދަތުރުތައް ކުރުމަށްވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރައްވާ!"
ޕޮލިސް

ބްރިޖް އަށް އުދައަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ބްރިޖްއާއި ހައިވޭ ގުޅޭ ޓްރެފިކް ލައިޓްގައި ބަޔަކު މަޑުކޮށްގެން ތިއްބާ ރާޅުއަރާ ސައިކަލުގައި މަޑުކޮށްގެން ތިބި މީހުން ވެއްޓި އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

އަދިވެސް މިފަދަ އެހެން ވީޑިޔޯތައްވެސް ފެންނަން އެބަހުއްޓެވެ.

މާލޭގެ ހާލަތު ފެންނަ ކިތަންމެ ވީޑިޔޯތަކެއް މިހާރު ސޯޝަލްމީޑިޔާގެ އެކި ތަންތަނުން ފެންނަން އެބަހުއްޓެވެ. އެހެންނަަމަވެސް ބައެއް ވީޑިޔޯތައް ނަގަން ކުޑަކުދިން ތޮށިގަނޑާ އެހާ ގާތުގައި ތިބުމަކީ މިފަދަ ވަގުތެއްގައި ރައްކާތެރިކަމެއްނޫނެވެ.

ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި ހުރި ޓްރެފިކް ލައިޓްތައް ވެސް ވަނީ ނިވިފައި ވާއިރު، ފުލުހުން ވަނީ އެސަރަހައްދު ބަންދު ކުރުމަށްފަހު ހުޅުވާލާފައެވެ.

މާލެ އިރުމަތީ ފަރަތަށް ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގައި މިދުވަސްވަރު އުދައެރުމަކީ އަބަދުވެެސް ދިމާވާ ކަމެކެވެ. އެހެންނަމަވެސް މިއަދު މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު އުދަ އަރައި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އުދައިގެ ރާޅާއެކު ގަލާއި ވެލި ވެސް ވަރަށް ބޮޑަށް އެއްގަމަށް ވަނީ އަރާފައެވެ.