ހއ. ހޯރަފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ދަތުރުކުރަން ފަށައިފި އެވެ.

އެގޮތުން އެ އެއާޕޯޓުގައި ރޭގަނޑުގެ ދަތުރުތައް ފެށުމުގެ ގޮތުން ޖެއްސި ޓެސްޓު ބޯޓު ޖެއްސީ ރޭ 20:36 ހާއިރެވެ. އަދި އެ ދަތުރުތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހޯރަފުށި އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މުހައްމަދު ރިޒްވީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހޯރަފުށްޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމަކީ އެ ސަރަހައްދުގެ އިގްތިސާދަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ. އާރްއޭސީއެލްގެ ހިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރުމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ރިޒްވީ ވިދާޅުވި އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ހޯރަފުށި އެއާޕޯޓް ހުޅުވުމާ އެކު އެ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބިފައިވާ ކަމަށާއި އަދި ރޭގަނޑު ދަތުރުތައް ފެށުމާ އެކު އަނެއްކާވެސް އެއާޕޯޓުގެ ތެރެއިން އިތުރު ފުރުސަތުތައް ހޯރަފުށި ރައްޔިތުންނަށް ހުޅުވިގެންދާނެ ކަމަށެވެ.

މިކަމާގުޅިގެން ހޯރފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ހޯރަފުށި އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށިގެން ދިއުމަކީ ރައްޔިތުންނަށް ކުރިން ދަތިވެފައި އޮތް އެތައް ކަމަކަށް އިތުރު ލުއިތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

ރޭގަނޑުގެ ދަތުރުތައް ފެށުމާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފަ އެވެ. އާރްއޭސީއެލްއިން އަންނަނީ މާވަރުލު އެއާޕޯޓުގައި ވެސް ރޭގަނޑުގެ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންނެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 19، 2020 ގަ އެވެ. ރޭގަނޑުގެ ދަތުރުތައް ފެށުމާ އެކު މި އެއާޕޯޓުގެ އޮޕަރޭޝަންތައް 24 ގަޑިއިރަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.