ރާއްޖޭގެ ނައިބު ރައީސްކަމުގައި މިވަގުތު ހުންނެވި ފައިސަލް ނަސީމް ނައިބް ރައީސެއްގެ ހައިސިއްޔަތުން ދައްކުވައިދެއްވާފައި ވަނީ ވަރަށްވެސް ނަމޫނާ ރީތި މިސާލެއް ކަމަށާއި، އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ނައިބުރައީސެއްގެ ހައިސިއްޔަތުން ރާއްޖެއަށް ވަފާތެރިވެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުމަކީ ފައިސަލް ނަސީމުގެ ނަންފުޅު ދިވެހި ތާރީހުގެ ރަންކުލައި ލިޔެވިގެން ދާނެކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓެއްގެ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނިކުންނަވާ ބޭފުޅަކީ އައްޑޫ މެމްބަރު އަސްލަމް ކަމުގައި އެމްޑީޕީން މިއަދު ކުރެވުނު އިއުލާނުން ވަނީ ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ގެނުވާފައެވެ.

ރަނިންމޭޓް ކަމުން ފައިސަލް ބާކީވެވަޑައިގެން މި ދަނޑިވަޅުގައި، އެކްސް.ކޮމްގައި އާދަމްޝަރީފް އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިކަމާއެކު ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުމަކީ ފައިސަލް ނަސީމްގެ ނަންފުޅު ދިވެހި ތާރީހުގެ ރަންކުލައި ލިޔެވިގެން ދާނެކަމުގައެވެ.

އިބްރާހީމް މުހައްމަދު ސާލިހުގެ ރަނިންމޭޓަކަށް ހޮވާނެކަމުގެ ކުލަ ހުވަފެން ދައްކާފައި، އެ ފުރުސަތު ނުދިނުމުން އެކަމުން އެނގިގެން ދިޔަ ކަމަކީ އިހުލާސްތެރިކަމާ ތެދުވެރިކަމާއެކު، ކުރާ ހިދުމަތް ވުރެ ޕޮލިޓިކްސް ގެ ވިހަ މާ ބޮޑުކަން ކަމަށް އާދަމް ޝަރީފު އުމަރު އެކްސް.ކޮމް ގައި ވިދާޅުވެފައިވެއެވެ. ރައީސްސާލިހުގެ ރަނިންމޭޓްއެއް ގޮތުގައި އަސްލަމް އައްޔަން ކުރުމާ ހަމައަށް ގިނަ ބަޔަކު ބުނަމުން އައީ އެ މަގާމަށް އެންމެ އެކަށޭ އެންމެ ގާބިލު އިހްލާސްތެރި ބޭފުޅަކީ ފައިސަލް ނަސީމް ކަމުގައެވެ.

އަދި އެ މަގާމަށް އައްޔަން ކުރައްވާނެކަމަށް ގިނަ ބަޔަކަށް ހީވެފައިވެސް އޮތީ ފައިސަލް ނަސީމްއެވެ.

ހަމަމިއާއެކު މިއަހަރުގެ ރިޔާސީ ރޭހުގައި ފައިސަލް ނަސީމް މިގޮތަށް އެކަހެރިކޮށްލެއްވުމުން އެމަނިކުފާނުގެ އެއްވެސް ދައުރެއް މި އިންތިހާބީރަސްމުތަކުގައި ނެތިގެން ދިއުމާއެކު ދެން އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނީ ސިޔާސީ ކޮން ދިމާއަކަށް ކަމާމެދު ސުވާލު ވަނީ އުފެދިފައެވެ.