މިއަންނަ މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަވަން އުޅޭ ވާހަކަ އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް ރައްދު ދެއްވުމުގެ ގޮތުން ޑރ.މުހައްމަދު ވަހީދު މިރޭ އެކްސް.ކޮމް ގައި ވިދާޅުވީ ގާސިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަ ތަކެއްކަމަށެވެ.

މި ވާހަކަތައް ފެތުރިގެން ގޮސްފައިވަނީ ޑރ. ވަހީދު ކުށުގެ ރެކޯޑް ސާފުކުރައްވަން ހުށަހެޅުމާ ގުޅިގެންނެވެެ. ޑރ ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަނީ ގާސިމްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް ކަމަށް ހަބަރުތައް ފެތުރިފައެވެ. އަދި ވަރަށް އަވަހަށް ޑރ. ވަހީދު، ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށްވެސް އަޑު ފެތުރެމުންދާއިރު ޑރ ވަހީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ފަދަ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ.

ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސަން އުޅޭ ކަމުގެ ވާހަކަ ފެތުރިފައިވާއިރު، ޑރ. ވަހީދު މިހާރު ހުންނެވީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައެވެ. އަދި އެމަނިކުފާނަކީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެޑްވައިޒަރެކެވެ.

2013 ވަނަ އަހަރުގައި ރިޔާސީ އިންތިހާބުގައި ރައީސް ވަހީދު ވަނީ އަމިއްލަގޮތުން ވާދަކުރައްވާފައެވެ.