އިދިކޮޅު ކޯލިޝަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމާއި ދެކޮޅަށް އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލު ކޮށްފިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވާއިރު، ހުކުމް ކުރުމުގެ މަޖިލިސް މާދަމާގެ ވަގުތެއްގައި ބޭއްވުމަށް ކޯޓުން ނިންމާފައިވާ ކަން ވަނީ ޔަގީންވެފަ އެވެ. މި އަޑު އެހުން އޮތީ މާދަމާ ހެނދުނު 10:00 ގައެެވެ.
ޔާމީނުގެ ފަރާތުން ހުށަހަޅާ މައިގަނޑު ނުކުތާއަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި އޮންނަ ޝަރުތުގައި ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތަށް ސުޕްރީމް ކޯޓުން މާނަކޮށްދިނުމަށެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މިއިސްތިއުނާފަކީ އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކެންޑިޑެސީ އީސްނބަލައިނުގަނެ ބޭރުކޮށްލި މައްސަލަ އިސްތިއުނާފުކުރި ޝަރީއަތެވެ. އީސީން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް ސަބަބެއްކަމަށް ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތު ހަމަނުވާކަމަށާއި އެ ޝަރުތުުަކަކީ، ޖިނާއީ ކުށެއްކުރި ކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް މާދަމާ އިއްވާއިރު، އެމަނިކުފާނަށް އިންތިހާބަށް ކުރިމަތިނުލެއްވިއްޖެ ނަމަ ދެން ހަދާނެ ގޮތަކާމެދު، ޕީޕީއެމްގެ ތެރޭގައި ވަނީ ބައިބައިވުން އުފެދި، މައްސަލަ ހޫނުވެފައެވެ.