ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު، މި އަހަރު 84،200 ދަރިވަރުން ސްކޫލްތަކުގައި ކިޔަވަމުންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ސަރުކާރުގެ 216 ސްކޫލްގައި ކިޔަވަމުންދާ 73078 ދަރިވަރުންނާއި އަމިއްލަ ސްކޫލްތަކުގައި ކިޔަވަމުންދާ 11،122 ދަރިވަރުންނާއެކު، މިއާ އަހަރުގެ ކިޔެވުން ފެށޭނީ ޖުމްލަ 84،200 ދަރިވަރުންނާއެކުގައެވެ.

މި ދިރާސީ އައު އަހަރާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ސަލާހުއްދީން ސްކޫލްގައި ކިޔަވައިދިނުން ފަށާނެއެވެ. އެ ސްކޫލުން ޖާގަ ދީފައިވަނީ 1650 ދަރިވަރުންނަށެވެ. ހަމަމިއާއެކު ސެންޓަރފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރުން ކިޔަވާނީ ހުޅުމާލޭގައި އިމާރާތް ކުރި އެ ސްކޫލްގެ އާ އިމާރާތުގައެވެ. ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ވެސް ކިޔަވަނީ އެ ސްކޫލްގެ އާ އިމާރާތުގައެވެ.

ސަލާހުއްދީނާއި ސީއެޗްއެސްއީއާއި ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށްވާއިރު، މި ތިން ސްކޫލާއެކު މާލެ ސަރަޙައްދުގައި ފަސް ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެއެވެ.

ދިރާސީ އާ އަހަރުގެ ކިޔަވަން ފަށާއިރު ސްކޫލްތަކަށް މުދައްރިސުން ހަމަވާނެ ކަމަށާއި ކިޔަވައި ދިނުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.